ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނު އަސާސީގައި ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފަ އެވެ. ބޭނުމަކީ ރާއްޖޭގައި ހަރުދަނާ ޑިމޮކުރަސީއެއް ގާއިމްކުރުމެވެ. ހަމައެކަނި މާލެއަށް ހުރިހާ ބާރެއް އެއްވެފައިވާ އެއްވުން ނައްތައިލައި ރައްޔިތުންނާ ގާތުން ރައްޔިތުންގެ ބަސް ހިމެނޭގޮތަށް އެސަރަހައްދެއް ނުވަތަ އެރަށެއް ތަރައްގީކޮށް ހިންގުމުގެ ބޭނުމުގަ އެވެ. "ކަތީބީ ނިޒާމް" ދޫކޮށް އިންތިހާބީ "ކައުންސިލަރުންގެ ނިޒާމަށް" ރާއްޖެ ބަދަލުވީ މި ދެންނެވި ސަބަބުތަކަށް ޓަކައެވެ. ނަމަވެސް އުފެދޭ ސުވާލަކީ ލާމަރުކަޒީ އުސޫލު ރާއްޖޭގައި ތަންފީޒު ކުރެވޭބާއެވެ؟ ނުވަތަ އެ ނިޒާމްގެ ސަބަބުން ރާއްޖެއަށް ލިބިގެންދިޔައީ އުންމީދު ކުރި ފަދަ ލުޔެއް ބާއެވެ؟ ނުވަތަ އެނިޒާމް ވެގެންދިޔައީ ހިތި ޒަހަރަކަށް ބާ އެވެ؟

ލާމަރުކަޒީ ގާނޫނުގެ ދަށުން އިދާރީ ދާއިރާތައް ވަކިކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކައުންސިލްތައް އިންތިހާބްކޮށް އެމަސައްކަތް ފަށައިފައި ވީ ނަމަވެސް ހިތާމަ ކުރާންވީ ކަމަކީ އެ ނިޒާމްގެ ފޮނި މީރުކަން ރައްޔިތުނަށް ނުލިބޭތީ އެވެ. މިއަދު ރާއްޖޭގެ ލާމަރުކަޒީ އުސޫލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުޅި ގައުމަށް ޖެހިފައިވާ "ސިޔާސީ ރޯގާ" އޭގެ ގަދަފަދަކަމާ އެކު އެނިޒާމަށް ޖެހިފައިވުމެވެ. ރާއްޖޭގައި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކައުންސިލްތަކަށް މެމްބަރުން އިންތިހާބް ކޮށްފައިވާ އިރު ގައުމާއި މުޖުތަމައުގެ މަސްލަހަތާއި ލާބަޔަށް ވުރެ ގިނަ ކައުންސިލްތަކުން ޕާޓީގެ ޝަރަފާއި މަސްލަހަތު އިސްކުރުމެވެ. ކުރާ ކޮންމެ ކަމެއް ޕާޓީއަށް ޓަކައި ކުރާން ނިންމުމުގެ ނަތީޖާއަކަށް ވީ ރައްޔިތުނަށް ކޮށްދޭން ވައުދުވި ކަންތައްތައް މަތީން ހަދާން ނެތި ވަކި ބަޔެއްގެ ފައިދާއަށް ކައުންސިލްތަކުގެ އަމަލުތައް ކުރިއަށް ގެންދިއުމެވެ. ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކުގައި ވެސް އެއީ ވަކި ޕާޓިއަކަށް ނިސްބަތްވާ ސަރުކާރަކަށްވުމުން އެކަންތައްތައް ބަލައިނުގަތުމުގެ ހިތާމަވެރި އަމަލުތައް ވެސް ހިނގަމުންދާ ކަމީ ހިތާމައާ އެކު ފާހަގަކޮށްލާން ޖެހޭ ކަންތައްތަކެވެ.

މިސާލަކަށް ބަލާނަމަ ރާއްޖޭގެ ވެރިރަށް މާލެއަށް ބަލަމާ ހިނގާށެވެ. މާލެ އަކީ މިހާރު އިދިކޮޅު އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެއް އޮންނަ ޝަހަރަކަށް ވާއިރު އެކައުންސިލް ވެފައި އޮންނަނީ އެމްޑީޕީގެ ކައްތިރިއަކަށޭ ބުނެވިދާނެ އެވެ. ގިނަ ކަންތައްތައް ހުންނަނީ އެމްޑީޕީގެ މަސްލަހަތު ހުންނަ ގޮތަށް ކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި 16 ސިޔާސީ ޕާޓީ އޮންނައިރު އެކައުންސިލް އިން ވަނީ ސިޔާސީ ހަރަކާތް ހިންގުމަށް އެމްޑީޕީ އަށް ބިންބިމާއި އިތުރު ފުރުސަތުތައް ދީފަ އެވެ. މި ގޮތަށް ދިނުމަކީ ހަމަހަމަ ވިސްނުމަކުން ވިސްނާ ކޮންމެ މީހަކަށް ވެސް ކަމުދާ ކަމަކަށް ނުވާނެ އެވެ. އެމްޑީޕީ ފިޔަވައި އިތުރު ސިޔާސީ ޕާޓީތަކުން ވެސް ބިންބިމަށް އެދިފައިވީ ނަމަވެސް އެޕާޓީތަކަށް ބިން ނުދީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލި މަނިކު ވިދާޅުވީ އެމްޑީޕީގެ އަތުން އެއް ބިން އަތުލާއިރަށް އަނެއް ބިން ދޭނެ ކަމަށެވެ. މިއީ ހިތާމަ ކުރާން ޖެހޭ ފަދަ ކަންތައްތަކެވެ. ފާހަގަ ކޮށްލާން ޖެހޭ ކަމަކީ އެގޮތަށް އަމަލު ކުރަނީ މާލޭ ސިޓީ ކައުންސިލް ނުވަތަ ހަމައެކަނި އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލްތަކުން އެކަންޏެއް ނޫން ކަމެވެ. އެހެން ޕާޓީތަކަށް ނިސްބަތްވާ ކައުންސިލްތަކުން ވެސް އެމްޑީޕީގެ ވެރިކަމުގައި އެޕާޓީ އަށް ޖެއްސުމަށް ރައްޔިތުންނާ، ދޭތެރޭ ނުވިސްނައި، އެތައް ކަމެއް ކޮށްފައި ވާ އިރު އެކައުންސިލްތަކުން ވެސް ދަނީ ސިޔާސީ މަސްތުގައި ޖެހި ރައްޔިތުންނާއި ދޭތެރޭ ނުވިސްނައި އެތައް ކަމެއް ކުރަމުންނެވެ.

މާލޭގެ މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވާ ގޮތުގައި ސިޓީ ކައުންސިލް ސިޔާސީއެއް ނުވެ އެވެ. އެ ކައުންސިލުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ބަރާބަރަށް ފޯރުކޮށްދެމުން ދެއެވެ. އަދި އެއްވެސް ޕާޓީއަކަށް ނުބަލައި ހުރިހާ ޕާޓީތަކަށް ވެސް ހަމަހަމަގޮތުގައި އެ ކައުންސިލުގެ ތަކެތި ބޭނުން ކުރެވޭނެ އެވެ. އެއީ އަލިބެގެ ބަސް ހުރިގޮތެވެ. ނަމަވެސް ކަން އޮތީ ހަމަ އެބުނާ ހަމަހަމަ ކަންމަތީ ބާއެވެ؟

ލާމަރުކަޒީ ނިޒާމަށް ބަލާއިރު ކައުންސިލްތަކުގެ މައިގަނޑު މަގުސަދަކަށް ވާން ޖެހޭނީ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ބަސް ހިމަނައިގެން ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށް ވާ އިރު ގިނަ ފަހަރަށް ކަންތައްތައް ވަނީ އެހެނަކުން ނޫނެވެ. ގިނަ ކައުންސިލްތަކަށް ވެސް ބަސް ކިޔާން ތިބެނީ އެކައުންސިލެއްގެ ސިޔާސީ އަޣުލަބިއްޔަތު އޮންނަ ކޮންމެވެސް ޕާޓީއަކުންނެވެ. ގިނަ ފަހަރަށް ރައްޔިތުންގެ ބަސް އެއްގޮތަކަށްވެސް ނޯންނަނީއެވެ. ނަތީޖާއަކަށް ވެފައިއޮންނަނީ ރަށުގެ ތަރައްގީއަށާއި ރައްޔިތުނަށް ނުވިސްނައި ގިނަ ކަންތައްތަކެއް ނިންމުމެވެ. ލާމަރުކަޒީ ނިޒާމަށް އަހަރުތަކެއް ވެފައިވާ އިރު ރަށުގެ ތައްގީއަށް މަސައްކަތްތަކެއް ކޮށްފައި ވަނީ މަދު ކައުންސިލްތަކަކުންނޭ ބުނެވިދާނެ އެވެ. ކައުންސިލްތަކުން ބުނާ ގޮތުންނަމަ އެކައުންސިލްތަކަށް ރަށުގެ ތަރައްގީއަށް މަސައްކަތް ނުކުރެވެނީ ބަޖެޓް ނުލިބިގެންނެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ބުނަނީ އެއްވެސް ކައުންސިލެއް ތަފާތުކޮށް ބަޖެޓް ދީފައިނުވާނެ ކަމަށެވެ.

މިއަހަރުގެ ބަޖެޓުން ކައުންސިލްތަކަށް ހަރަދުކުރުމުގެ ގޮތުން 1.1 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. ނަމަވެސް ގިނަ ކައުންސިލްތަކުން ބުނަނީ އެކައުންސިލްތަކަށް ލިބިފައިވާ ބަޖެޓުން އެކައުންސިލްތައް ހުޅުވާފައި ލެއްޕުން ނޫނީ އިތުރު މަސައްކަތެއް ކުރެވޭން ނެތް ކަމަށެވެ. ގަބޫލް ކުރެވޭ ހަގީގަތަކީ ކައުންސިލްތަކަށް ވެސް ތަރައްގީގެ މަސައްކަތްކުރެވޭނީ އެކައުންސިލްތަކަށް ބޭނުންވާ ބަޖެޓު ލިބިގެން ކަމެވެ. ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ލޯކަލް ކައުންސިލް އިންތިޒާމު ހަރުދަނާކޮށް ތަރައްގީކޮށް ކުރިއެރުމަށް ސަރުކާރުން ދޭ އެހީއެއްގެ ގޮތުގައި، މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ 50 އިންސައްތަ މިއަހަރުގެ ޖުލައިމަހުންފެށިގެން އަތޮޅު ކައުންސިލްތަކަށް ދޫކުރަން ފެށުމަށެވެ. ނަމަވެސް އުފެދޭ ސުވާލަކީ ސަރުކާރުން މިފަދަ ބޮޑެތި ހަރަދުތަކެއް ކައުންސިލްތަކަށް ކުރާއިރު ސިޔާސީ ކޯޅުމުގެ ސަބަބުން ރައްޔިތުނަށް ފައިދާއެއް ވާނެބާއެވެ؟ އަދި ބޮޑު ހަރަދެއް ކައުންސިލްތަކަށް ކުރާން ޖެހޭ އިރު އެކަމުން އެއްވެސް ފައިދާއެއް ގައުމަށް ވޭބާއެވެ؟

ލާމަރުކަޒީ ނިޒާމަކަށް އަމަލު ކުރާން ފަށައިގެން ކުރިއަށްދާއިރު އެނިޒާމަށް ބޮޑެތި ބަދަލުތަކެއް މިވަނީ ގެންނާން ޖެހިފައެވެ. ރާއްޖެއަކީ އުފެއްދުންތެރިކަން މަދު އަދި ނާޒުކު އިގްތިސާދެއް ލިބިފައިވާ ގައުމަކަށްވާއިރު ރާއްޖޭގެ ބަޖެޓުން ކޮންމެ އަހަރަކު ބޮޑެތި ހޭދަތަކެއް ކުރުމަކީ ވެސް ވާނެކަމެއް ނޫނެވެ. ކޮންމެ ރަށަކަށް ފަސް ކައުންސިލަރުން ލައިގެން ބޮޑު މުސާރަ ދީގެން ކުރިއަށް ގެންދާ ނިޒާމަކީ މިއަދު ބަދަލު ކުރާން ޖެހިފައިވާ ނިޒާމެކެވެ. ރާއްޖޭގައި 196 ރަށެއްގައި މީހުން ދިރިއުޅޭއިރު ރަށުކައުންސިލަރުންގެ ގޮތުގައި 942 ކައުންސިލަރުން ރާއްޖޭގައި ތިބެއެވެ. އެގޮތުން ކޮންމެ ރަށެއްގައި ވެސް ތިބޭ ތިން ކައުންސިލަރުންނަކީ މަހަކު 10000ރ. ގެ މުސާރައެއް ލިބޭ ކައުންސިލަރުން ކަމަށް ވާ އިރު އެކައުންސިލްތަކުގެ ނައިބް ރައީސުންނަށް މަހަކު 12000ރ. އަދި އެކައުންސިލްތަކުގެ ރައީސުންނަށް މަހަކު 15000ރ. ލިބެއެވެ. އަދި އަތޮޅު ކައުންސިލް ތަކަށް ބަލާއިރު 132 އަތޮޅު ކައުންސިލަރުން ތިބޭއިރު އެ ކައުންސިލަރުނަށް މަހަކު 20000ރ. ގެ މުސާރައެއް ލިބޭއިރު އެކައުންސިލްތަކުގެ ރައީސުންނަށް މަހަކު 25000ރ. ގެ މުސާރެއް ދެއެވެ. އަދި ސިޓީ ކައުންސިލްތަކަށް ބަލާއިރު މާލޭގެ 11 ކައުންސިލަރުންނާއި އައްޑޫސިޓީގެ 6 ކައުންސިލަރުނަށް ވެސް ބޮޑެތި މުސާރަތަކެއް ލިބެއެވެ. އެހެން ނަމަވެސް ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެ އާއި އައްޑޫގައި ސިޓީ ހަދައިފައި ވުމުން ރަށު ކައުންސިލަރުން ނުތިބޭތީ ނިސްބަތުން އައްޑު އާއި މާލޭގެ ކައުންސިލަރުން އެހެން ކުދި އަތޮޅުތަކުގެ ކައުންސިލަރުންނަށް ވުރެ މަދުކަން ވެސް ފާހަގަ ކުރެވެއެވެ. މިއީ މަދު ކައުންސިލަރުންނަށް ވެސް ހިންގި ދާނެ ކަމުގެ ހެތްކެއްް ވެސް މެ އެވެ. އަދި ރަނގަޅު ގޮތެއް ވެސް މެ އެވެ.

ކައުންސިލަރުންގެ މުސާރައަށް ބޮޑު އަދަދެއް ހޭދަ ކުރާ ހޭދަ ކުރާ ކަމުގައިވާއިރު އުފެދޭ ސުވާލަކީ މިއީ ރާއްޖެއާ އެންމެ އެކަށިގެން ވާވަރު ބާ އެވެ؟ ނުވަތަ އެފައިސާތަކުގެ ބޭނުން އެހެން ފައިދާ ހުރި ގޮތެއްގައި ބޭނުން ކުރުން ރަނގަޅުބާ އެވެ؟ ހަމަގައިމު ވެސް މި ހޭދަތަކަކީ ތިން ލައްކަ މީހުންގެ އާބާދީއެއް އޮތް މި ކުޑަކުޑަ ގައުމަށް އޮތް ބޮޑު ބުރައަކަށްނޫނީ ނުވާނެއެވެ.

މަރުކަޒީ ބެންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ފަޒީލް ނަޖީބް ވިދާވާގޮތުގައި ސަރުކާރުގެ ބޭނުންތަކަށް ފައިސާ ހަރަދުކުރެވޭ މިންވަރު އިތުރުވެފައިވާ އިރު ފާގަތި އިގްތިސާދަކަށް ދިއުމަށް ޓަކައި އެމިންވަރު ދައުލަތަށް އޮބަހެއްޓޭ މިންވަރަކަށް ތިރިކުރުމަށް ދައުލަތުގެ އޮނިގަނޑަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ. އަދި އިންތިހާ ދަރަޖައަށް ދައުލަތުގެ ހަރަދު ބޮޑުވާކަން ގަވަރުނަރު ވަނީ ފާހަގަކޮށްފަ އެވެ. ހަރަދު ބޮޑުވުމުގެ އެއްކަންތަކަށް ހަމަގައިމުވެސް މިނިޒާމް ވެގެންދެ އެވެ.

ކަތީބުން ރަށްރަށުގައި ވެރިކަން ކުރަމުންދިޔައިރު އެނިޒާމަށް ކިޔުނު އެންމެ ބޮޑު ފާޑަކަށްވެގެންދިޔައީ އެއީ އާއިލީ މީހުންނަށް ފައިދާ ހޯދައިދޭ ނިޒާމެއް ކަމަށެވެ. އެރަށަކުން ހުރިހާވެސް ފައިދާއެއް ވެގެން ދަނީ އެރަށެއްގައި ކަތީބުކަން ކުރާ މީހެއްގެ އާއިލާއަށް ކަމަށް ބުނާބުނުމަކީ އޭރު ވަރަށް އާންމު ބުނުމެކެވެ. ނަމަވެސް ހިތާމައަކީ ލާމަރުކަޒީ އުސޫލް އައިސް ކައުންސިލްތައް އިންތިހާބް ވެގެން ދިޔުމުން ވެސް މިކަމަށް މާ ބޮޑު ހައްލެއް ނައުމުންނެވެ. އެގޮތުން އެކައުންސިލްއެއްގެ މެޖޯރިޓީ އޮންނަ ޕާޓީތަކަށް އެތައް ފައިދާއެއް ގާނޫނާ ހިލާފަށް ކޮށްދޭއިރު ވަޒީފާދިނުމުގައްޔާއި ފައިސާއަށް އިހުމާލު ވާ ވާހަކަތައް އަޑު އިވޭއިރު މިހާތަނަށް އެފަދަ މައްސަލަތަކުގައި ބައެއް ކައުންސިލަރުނަށް ހުކުމް ވެސް ކޮށްފައި އެބަ ހުއްޓެވެ. އަދި މިހާތަނަށް ވަނީ ކައުންސިލްތަކާ ގުޅޭ ކޮރަޕްޝަންގެ އެތައް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބެލުމަށް ފަހު ދައުވާ ކުރުމަށް ޕީޖީއަށް ވެސް ފޮނުވާފައެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އިންތިހާ ދަރަޖައަށް އިތުރުވަމުންދާއިރު އޭގެ ތެރޭގައި ކައުންސިލްތަކުގެ ވެސް ގިނަ މައްސަލަތަކެއް ހިމެނޭ ކަމަށެވެ. އަދި ކައުންސިލްތައް އައުމުން ކޮރަޕްޝަންގެ މައްސަލަތައް މަދުވާނެ ކަމަށް އުންމީދުކުރިކަމަށާއި ނަމަވެސް ކޮރަޕްޝަންވީ އެއާހިލާފަށް އިތުރުކަމަށް ލުތުފީ ވިދާޅުވި އެވެ.

ލާމަރުކަޒީ އުސޫލަށް ދިމާވެފައިވާ އެންމެ ބޮޑު އަނެއް މައްސަލައަކަށް ވެފައި ވަނީ އެނިޒާމްގެ ބެލެނިވެރިޔާ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އަދުގެ ސަރުކާރާ ދެމެދު އުފެދިފައިވާ ބޮޑެތި ކޯޅުންތަކާއި ބަހުގެ ވަރުގަދަ ހަނގުރާމައެވެ. އެލްޖީއޭގެ ނައިބް ރައީސް ޝުޖާއު ހުސައިން ވިދާޅުވާގޮތުން ނަމަ ލާމަރުކަޒީ ނިޒާމަށް ސަރުކާރުން އެއްބާރުލުމެއް ނުދެ އެވެ. އަދި ކައުންސިލްތަކަށް ދޭން ޖެހޭ ބާރުތައް ސަރުކާރުން ދީފައި ނުވާތީ އާއި ކައުންސިލްތައް ހިންގުމަށް ޓަކައި އެކަށީގެންވާ ވަރުގެ ބަޖެޓެއް ހަމަޖައްސާފައި ނުވުމުން ކައުންސިލްތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ ލާމަރުކަޒީ ނިޒާމް ފުނޑުފުނޑުވެގެން ދިޔުމުގެ ބިރު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގައި އޭނާ ދަނީ އަދުގެ ރައީސަށް ވެސް ފާޑުކިޔަމުންނެވެ.

"އަޅުގަނޑު ދަންނަވާން ބޭނުން ވަނީ މި ނިޒާމު މިހިރަ ދަނީ ފެއިލްވެގެންނޭ. މިހާރު އޮތީ އައިސީޔޫގައި ބާއްވައިފައި. މިއަދު ކަމެއް މާދަމާ ކަމެއް ނޭނގެ މަރުވާނީ. އެކަމުން ގެއްލުން ވާނީ އަޅުގަނޑުމެންގެ ރައްޔިތުންނަށް،" ޝުޖާއު ވިދާޅުވި އެވެ.

ނަމަވެސް އެކަމަކާ ސަރުކާރުން އެއްވެސް ގޮތަކަށް އެއްބަހެއް ނުވެ އެވެ. ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ މިސަރުކާރުން ކައުންސިލްތަކަށް އެހީތެރިވުމަށާއި ކައުންސިލްތައް ބާރުވެރިކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން މަސައްކަތް ކުރާނީ ކައުންސިލްތަކަށާއި ރައްޔިތުނަށް ލާބަޔާ މަންފާއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްވެ ބުނި ގިނަ ހަގީގީ ގޮންޖެހުންތަކެއް މިއަދު ރާއްޖޭގައި ތަންފީޒް ކުރަމުން މިދާ ލާމަރުކަޒީ ނިޒާމަށް ދިމާވެފައިވާއިރު ހަމަގައިމު ވެސް މިއީ ހައްލު ކުރާން ޖެހިފައި ވާ ބޮޑެތި މައްސަލަތަކެކެވެ. ލާމަރުކަޒީ ނިޒާމްގައި ކައުންސިލަރުންނަށް ދޭ ބޮޑެތި މުސާރަތަކަކީ މިއަދު ދައުލަތުގެ ބުރައަކަށް ވެފައިވާ އިރު އެކައުންސިލަރުންގެ އަދަދު މަދުކޮށް ނުވަތަ ކައުންސިލަރުންގެ މުސާރަ މަދުކޮށް އެފައިސާ ގައުމުގެ ތަރައްގީގެ ގޮތުގައި ބޭނުންކުރުން މާ ބުއްދިވެރިވާނެ އެވެ. ކުދިކުދި އާބާދީތަކަށް ވެސް ފަސް ކައުންސިލަރުން ތިބޭ އިރު ރާއްޖޭގެ އެންމެ ބޮޑު ދެ އާބާދީ ކަމުގައިވާ އައްޑު އާއި މާލޭގައި ތިބީ ނިސްބަތުން ވަރަށް މަދު ކައުންސިލަރުން ކަން ފާހަގަ ކުރެވެއެވެ. އައްޑު އާއި މާލެ މަދު ކައުންސިލަރުންނަށް ހިންގޭ އިރު، ކުދި ރަށްތައް މަދު ކައުންސިލަރުންނަށް ނުހިންގޭން ވީ ސަބަބެއް ނެތެވެ. ގިނަ ކައުންސިލަރުން ތިބުމަކުން އެކައުންސިލަރުންގެ ފަރާތުންވާ މާ ބޮޑު ފައިދާއެއް ވެސް ނޯވެއެވެ. އެހެންކަމުން މިގައުމަކީ ޑިމޮކުރަސީގެ މަތީގައި އިގްތިސާދީ އަމާންކަމެއްގެ މަތީގައި ހިނގާ ގައުމަކަށް ހަދާން ބޭނުންނަމަ މިގައުމުގައި މިއަދު ތަންފީޒް ކުރަމުންދާ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނާންޖެހެ އެވެ.

މީގެ ކުރިން ހުރިހާ ވެސް ބާރެއް ލިބިފައި ވަނީ މާލޭގައި ހުންނަ އެއް ގަނޑުވަރަކަށް ކަމަށްވާތީ އެނިޒާމް ބަދަލުކޮށް ރައްޔިތުންނާ ގުޅޭ ކަންކަން ސީދާ ރައްޔިތުންގެ ބަސް ހިމެނިގެން ނިންމުމުގެ ފުރުސަތު ލާމަރުކަޒީ ނިޒާމުން ލިބިދިން ނަމަވެސް ހަގީގަތަކީ ރާއްޖޭގެ އެނިޒާމަށް މިއަދު ދިމާވެފައިވާ ކަންކަމުގެ ސަބަބުން އެނިޒާމްގެ ފައިދާ ރައްޔިތުނަށް ނުކުރާކަމެވެ. ސިޔާސީ ވާދަވެރިކަން "ޒާތީވެ" މިއަދު އެނިޒާމްގެ އަސްލު ފުނޑުފުނޑު ވެފައިވާއިރު ބޮޑެތި މުސާރަތަކަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ހަރަދު ކުރާން ޖެހިފައިވާ ޖެހުމަކީ ދައުލަތަށް އުފުލާން ޖެހިފައި ވާ ބޮޑު ބުރައަކަށް މިއަދު މިވަނީ ވެފަ އެވެ. އެހެންކަމުން ރައްޔިތުންގެ ފައިދާއަށް ޓަކައި ލާމަރުކަޒީ އުސޫލަށް އަމަލު ކުރާން މިގައުމުގައި ފަށައިފައިވީ ނަމަވެސް އެނިޒާމް ތަންފީޒް ކުރުމުގައި އެޅިފައިވާ ކަތި ބިންގަލެއްގެ ސަބަބުން މިއަދު އެނިޒާމް މި ރާއްޖޭގައި ވެފައިވަނީ އެތެރެހައްޓަށް ވެސް ގެއްލުމާއި ހަލާކުދޭ އަދި ބޯ އިރު ވެސް އަރާމެއް ނުލިބޭ ފަދަ ހިތި ޒަހަރަކަށެވެ.