28 Apr 2013, 10:26
ޓީޗަރުންނަށް ހާއްސަކޮށްގެން އިމާރާތް ކުރާ ފްލެޓްތައް ލިބެން ޖެހޭނީ ހަމަ އެކަނި ޓީޗަރުންނަށް ކަމަށް ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި، ޓީޗަރުންގެ ހައްގުގައި މަސައްކަތްކުރުމަށް ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ ޓިޗަރުންތަކެއް ގުޅިގެން އުފައްދާފައިވާ ޖަމިއްޔާގެ ރައީސް އާތިފު އަބްދުލްހަކީމް ވިދާޅުވީ، ޓީޗަރުންނަށް ހާއްސަކޮށްގެން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގައި ދިރިއުޅެމުން ގެންދަނީ ހަމަ އެކަނި ޓީޗަރުން ނޫން ކަމާށާއި އެހެން ނަމަވެސް އެތާނގައި ދިރިއުޅެނީ އެޑިޔުކޭޝަން މިނިސްޓްރީން ބޭނުންވާ ވަކި ބައެއް ކަމަށެވެ.
އާތިފު ވިދާޅުވީ ޓީޗަރުންނަށް ހާއްސަކޮށްގެން 2003 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިލިމާލޭގައި ބިނާކުރި "އެދުރުވެހި" އިމާރާތުގައި 83 ފްލެޓް ހަދާފައި ހުރި އިރު އޭގެތެރެއިން 24 ފްލެޓްގައި ދިރިއުޅެމުން ގެންދަނީ އެޑިޔުކޭޝަން މިނިސްޓްރީގެ އެކިއެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކަމަށާއި އޭގެ ތެރެއިން ބައެއް ބޭފުޅުންނަކީ ޓީޗަރެއްގެ ވަޒީފާގައި ދުވަހަކު ވެސް އުޅުނު ބޭފުޅުން ނޫންކަމަށެވެ.
"މިތަންތަނުގައި މިތިއްބަވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރުންނާއި ޑިރެކްޓާ ޖެނެރަލުންނާއި އެޑްމިން އޮފިސަރުންނާއި މިބާވަތުގެ އިދާރީ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުން. ދެން އޭގެ އިތުރުން އެބަތިއްބަވާ ކަރިކިއުލަމް ޑިވެލޮޕަރުންނާއި އަދި ހަމަ އެއާއެކުގައި ސުޕަވިޜަން ސެކްޝަންގެ ބޭފުޅުން،" ޓީޗާސް އެސޯސިއޭޝަންގެ ރައީސް ވިދާޅުވި އެވެ.
މިނިސްޓްރީގެ ސްޕަވިޜަން ސެކްޝަންގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ޓީޗަރުންނެކޭ އެއްގޮތަށް ފަންނީ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުން ކަމަށާއި އަދި އެބޭފުޅުން ކުރައްވާ މަސައްކަތަކީ ކްލާސް ރޫމްތަކަށް ވަޑައިގެން ޓީޗަރުން އޮބްޒާވް ކުރެއްވުމާއި ޓީޗަރުންގެ މަސައްކަތްތައް ސުޕަވައިޒުކުރުން ފަދަ މަސައްކަތްތައްވާ އިރު ޓީޗަރުންނެކޭ އެއްފަދައިން އެބޭފުޅުންނަށް ވެސް ފްލެޓްތަކަށް އެޕްލައިކުރުމުގެ ފުރުސަތު އޮންނަން ޖެހޭނޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމަކު އެބޭފުޅުން ވެސް ވަޑައިގަންނަވަން ޖެހޭނީ ޓީޗަރުންނެކޭ އެއްގޮތަށް އާންމު އުސޫލުގެ ތެރެއިން ކަމަށް ޓީޗަރުންގެ ޖަމިއްޔާގެ ރައީސް ވިދާޅުވި އެވެ.
ޓީޗަރުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ އިން ބުނީ ތައުލީމީ ދާއިރާގައި ޓީޗަރުންނަށް ހުރި ގޮންޖެހުންތަކާއި އަދިވެސް ޓީޗަރުންގެ ފަރާތުން ފާޅުކުރަން ބޭނުންވާ ޝުއޫރުތަކެއް ތައުލީމާ ބެހޭ ވަޒީރުގެ އަރިހުގައި ވަރަށް ތަފްސީލުކޮށް ދެންނެވިފައިވާނޭ ކަމަށެވެ. އަދި އެ ދާއިރާގައި ތިބި ގިނަ އަދަދެއްގެ ޓީޗަރުން މިހާރު ވެސް އެންމެ ބޮޑަށް އިންތިޒާރު ކުރަމުން ގެންދާ އެއްކަމަކީ "އެދުރުހިޔާ"އިން ޖާގައެއް ލިބޭނެތޯ ނޫންތޯ ކަމަށްވާ އިރު "އެދުރުވެހި"ގެ ކަންތައް ދިޔަގޮތަށް ގޯހުން ގޯހަށް ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޓީޗާސް އެސޯސިއޭޝަނުން ކުރާނޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
"އެދުރުވެހި ފްލެޓްގެ ކަންތައްތައް ކުރިއަށް ގޮސްފައި ހުރި ގޮތުން އެދުރު ހިޔާގެ ކަންތައް ގޯހުން ގޯހަށް ހިނގައިދާނެތީ. ޓީޗަރުންގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ. އަޅުގަނޑުމެން އެކަމާ ކަންބޮޑުވާ ވާހަކަ. އަޅުގަނޑަށް އެނގޭ، އަޅުގަނޑު ދެނަހުރިން، ވަރަށް ގިނަ ޓީޗަރުންގެ ކަންބޮޑުވުންތައް އެބަހުރި އަދި މިދާއިރާއިރާގައި މިވަގުތު މާލޭގައި ތިއްބެވި ވަރަށް ގިނަ ޓީޗަރުން ވެސް ދާއިރާ ދޫނުކޮށް ދެމިތިބި ހަމައެކަނި މައިގަނޑު ސަބަބެއް ކަމުގައި ފާހަގަ ކުރެވިފައި އޮތީ ޓީޗަރުންގެ ފަރާތުން އެދުރު ހިޔާގެ ކަންތައްތައް [ފްލެޓްގެ ކަންތައްތައް] ލިބޭތޯ ނުލިބޭތޯ. ފުލެޓަށްޓަކައި ކުރަމުންދާ އިންތިޒާރު،" ތައުލީމާ ބެހޭ ވަޒީރާއި ހިއްސާކުރެއްވި ވާހަކަތައް ނޫސްވެރިންނާ ހިއްސާކުރަމުން ޓީޗާސް އެސޯސިއޭޝަންގެ ރައީސް ވިދާޅުވި އެވެ.
އަދި މިހާރު ވެސް ބޯހިޔާވަހިކަމާއި މުސާރައިގެ ގޮތުން ޓީޗަރުންނަށް ލިބޭ މިންވަރު ކުޑަވުމުގެ ސަބަބުން ގިނަ އަދަދެއްގެ ޓީޗަރުން ތައުލީމީ ދާއިރާ ދޫކުރަށްވައި އެހެނިހެން ދާއިރާ ތަކަށް ބަދަލުވެފައި ވާކަމަށާއި ތައުލީމީ ނިޒާމަށް މިގޮތުން ލިބޭ ކޮންމެ ގެއްލުމަކީ އޭގެ އަސަރު އެގެވޭ ގޮތުންނާއި ނޭދެވޭ ގޮތުންވެސް ދަރިވަރުންނަށް ކުރާނޭ ކަމެއް ކަމުގައި ޓީޗާސް އެސޯސިއޭޝަނުން ބުންޏެވެ.
ޓީޗާސް އެސޯސިއޭޝަންގެ ރައީސް ތުހުމަތު ކުރެއްވި ގޮތުގައި ޓީޗަރުންނަށް ހާއްސަކޮށްގެން ތައުލީމީ ފަންޑުގެ ބިމުގައި ތައުލީމީ ފަންޑުން އިމާރާތްކުރާ 10 ބުރީގެ 80 އެޕާޓްމަންޓުގެ އިމާރާތް "އެދުރުހިޔާ"އަށް މިހާރު ވެސް އެޑިޔުކޭޝަން މިނިސްޓްރީގެ 11 ފަރާތަކުން ކުރިމަތިލައްވާފައިވާކަން އެނގިފައިވެ އެވެ. އަދި ކުރިން އެދުރުވެހީގެ ކަންތައް ވެސް ގޮސްފައި ވަނީ 100 ޕަސެންޓް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށްވާތީ މިފަހަރު އެކަންތައް އެގޮތަށް ދިއުމަށް ޓީޗަރުން ދޫ ނުކުރާނޭކަމަށް ޓީޗާސް އެސޯސިއޭޝަންގެ ރައީސް ވިދާޅުވިއެވެ.
ޓީޗާސް އެސޯސިއޭޝަނުން ބުނީ ފްލެޓްގެ މައްސަލައިގައި އެ ބޭފުޅުން އަޅާނޭ ވަކި ފިޔަވަޅުތަކެއް އަދި ނުނިންމަވާ ކަމަށާއި އެހެން ނަމަވެސް ޓީޗަރުންނާ މަޝްވަރާ ކުރައްވައިގެން ވަރަށް އަވަހަށް ގޮތެއް ނިންމަވާނޭ ކަމަށެވެ.
މުދައްރިސުންގެ ޖަމިއްޔާ އިން އިތުރަށް ބުނީ ރައީސް ވަހީދަކީ ހިކުމަތްތެރި، ޢިލްމީ ބޭފުޅަކަށްވާ އިރު އެމަނިކުފާނުގެ ހިކުމަތްތެރިކަމާއި އިލްމީ ގާބިލުކަމުން ޓީޗަރުންނަކީ ކިހާފެންވަރެއްގެ، ކޮން ދަރަޖައެއްގެ ބައެއްކަން ބައްލަވައިގަނެ، "ޓީޗަރުންގެ ފްލެޓް، ޓީޗަރުންނަށް" ނޫން ބަޔަކަށް ނުލިބޭނޭކަން އިއުލާނުކޮށްދެއްވުމަށް ގޮވާލައްވާ ކަމަށެވެ.