ތޭވިސް ވަނަ ގައުމީ ކަސްރަތު މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފި އެވެ.

މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދީ 10 ގޯލްޑް، އަށް ސިލްވާ އަދި ހަތް ބްރޯންޒް މެޑަލް ހޯދައިގެންނެވެ.

ފިރިހެނުންގެ ބައިން ދެ ވަނަ މޭޑް ރަނަސް ހޯދި އިރު ތިން ވަނަ ހޯދާފައި ވަނީ ކްލަބް އޯލް ސްޓާ އަދި އެމް އެސް ހެލްޕިން ހޭންޑެވެ.

އަންހެނުންގެ ބައިން އަށް ގޯލްޑް، ހަތަރު ސިލްވާ އަދި ތިން ބްރޯންޒް މެޑަލްއާ އެކު ދިވެހި ސިފައިންގެ ކްލަބް އެއް ވަނަ ހޯދި އިރު ދެވަނަ ހޯދީ ކްލަބް އޯލް ސްޓާ އެވެ. އަދި އަންހަން ބައިގެ ތިން ވަނަ ހޯދީ ޒިފިއަސް ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ދިވެހި ސިފައިންގެ ކްލަބްގެ ޝިފާޒް މުހައްމަދު ހޮވުނުއިރު، އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ އަފާ އިސްމާއީލް އެވެ.

މުބާރާތުގައި ޝިފާޒް ވަނީ އޭނާ ވާދަކުރި 10000 މީޓަރު 5000 މީޓަރު އަދި 1500 މީޓަރު ދުވުމުން ގޯލްޑް މެޑަލް ހޯދާފަ އެވެ. އަދި މިއީ ގައުމީ ކަސްރަތު މުބާރާތުގެ އެންމެ މޮޅު އެތުލީޓްގެ މަގާމް ޖެހިޖެހިގެން ޝިފާޒް ހޯދި ހަތަރު ވަނަ އަހަރެވެ. އަދި އަފާ ވަނީ އޭނާ ވާދަކުރި 100 މީޓަރު 200 މީޓަރު އަދި ލޯންގް ޖަމްޕް އިން ގޯލްޑް މެޑަލް ހޯދާފަ އެވެ.