28 Apr 2013, 09:32
ޑާކާ (އެޕްރީލް 28): ބަންގްލަދޭޝްގެ ރައީސް ކަމުގެ ޤާނޫނީ ހުވާ އެގައުމުގެ ޕާލަމެންޓްގެ ރައީސް މުޙައްމަދު ޢަބްދުލްހަމީދު ކުރައްވައިފި އެވެ.
މުޙައްމަދު ޢަބްދުލްޙަމީދަކީ ޤާނޫނީ ދާއިރާ އިން މަތީ ތަޢްލީމް ޙާސިލްކުރައްވާފައިވާ ޤާނޫނީ ވަކީލެކެވެ. އޭނާ ބަންގްލަދޭޝްގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައި ވަނީ އެހެން ބޭފުޅަކާ ވާދަކުރެއްވުމަކާ ނުލައިކަން އެގައުމުގެ އިލެކްޝަންސް ކޮމިޝަނުންވަނީ އިޢްލާންކޮށްފަ އެވެ.
ބަންގްލަދޭޝްގެ އާ ރައީސްމުޙައްމަދު ޢަބްދުލްހަމީދު، މަޤާމުގެ ހުވާކުރެއްވުން އޮތީ އެގައުމުގެ ރިޔާސީ ގަނޑުވަރުގަ އެވެ. ހުވާލައިދެއްވީ އުއްތަމަ ފަޑިޔާރެވެ. ހުވާކުރެއްވީ ޕާލަމެންޓްގެ ނައިބު ރައީސް ޝައުކަތު ޢަލީގެ ކުރިފުޅުމަތީގަ އެވެ. މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޒިއްލުއްރަޙްމާން އަވަހާރަވުމަށް ފަހު އެގައުމުގެ ރައީސް ކަމުގެ މަޤާމު ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދެވީވެސް މުޙައްމަދު ޢަބްދުލްހަމީދެވެ.
ބަންގްލަދޭޝްގައި ރައީސް ކަމުގެ މަޤާމަކީ ފަޚްރުވެރިކަމުގެ މަޤާމެކެވެ. ވެރިކަމުގެ ތަންފީޒީ ހުރިހާ ބާރުތަކެއް ލިބިވަޑައިގެންފައި ވަނީ ބޮޑުވަޒީރަށެވެ. ރައީސް އަބްދުލްޙަމީދު ނިސްބަތްވެވަޑައިގަންނަވަނީ ބަންގްލަދޭޝްގައި މިހާރު ވެރިކަންކުރާ ޢަވާމީ ލީގް ޕާޓީއަށެވެ. މިއީ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ޕާޓީ އެވެ. ޖެހިޖެހިގެން 7 ދައުރުގައި އަބްދުލްޙަމީދު ވަނީ ޕާލަމެންޓް މެންބަރަކަށް އިންތިޚާބުވެވަޑައިގެންފަ އެވެ. އަދި ޕާލަމެންޓްގެ ރައީސްކަން ވެސް ދެ ދައުރުގެ މުއްދަތަށް އޭނާ ކުރައްވާފައިވެ އެވެ.
ބަންލަދޭޝްގެ ރައީސްގެ ރިޔާސީ ދައުރެއްގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.(އަލްޖަޒީރާ)