28 Apr 2013, 09:24
ބައިރޫތު (އެޕްރީލް 28): ސޫރިޔާ އިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށްބުނެ އެކަން ބަހަނާއަކަށް ހަދައިގެން ސޫރިޔާ އަށް ޢަސްކަރީ ގޮތުން ވަދެގަތުމަށް އެމެރިކާ ރާވަމުންގެންދާ ކަމަށް ރަޝިޔާ ތުހުމަތުކޮށްފި އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންގެ ޚާއްސަ މަންދޫބެއް ކަމަށްވާ މިޚައިލް ބޮގްދެނޯވް ލުބްނާނުގެ ވެރިރަށް ބައިރޫތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސޫރިޔާ އިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަމުގެ ހެކިތަކެއް ހުރި ނަމަ އެހެކިތައް ފޮރުވުމުގެ ބަދަލުގައި އެމެރިކާ އިން އަވަހަށް އެހެކިތައް އަވަހަށް ހާމަކުރަންވީ ކަމުގަ އެވެ. ނަމަވެސް އެމެރިކާގެ މަސްއޫލުވެރިންގެ ބަޔާންތަކުންނާއި އެމެރިކާގެ ޢަމަލުތަކުން މިހާރު ފެންނަމުން ދަނީ މިކަން ބަހަނާއަކަށް ހަދައިގެން ސޫރިޔާ އަށް ޢަސްކަރީ ގޮތުން ވަދެގަނެ ޢުދުވާން ހިންގުމަށް މަސައްކަތްކުރާތަން ކަމަށާ މިކަމާ ރަޝިޔާ ދެކޮޅުހަދާ ކަމަށް ބޮގްދެނޯވް ވިދާޅުވި އެވެ.
ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ އެގައުމުގެ ސިފައިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމުގެ ހެކިތައް އެބަހުރި ކަމަށާއި މިކަން ސާބިތުވެއްޖެ ނަމަ ސޫރިޔާއާ މެދު އެމެރިކާ ގެންގުޅޭ ސިޔާސަތު ބަދަލުކޮށްލައްވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ސޫރިޔާއަށް ބިރުދެއްކުމުގެ އިންޒާރެއް ދެއްވާފަ އެވެ. އަދި އެމެރިކާގެ ނުފޫޒުގެ ދާއިރާގައިވާ ޔޫރަޕްގެ ބޮޑެތި ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވެސް ގެންދަނީ ސޫރިޔާ ސިފައިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބުނެ އަޑުތައް ފަތުރަމުންނެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ވިދާޅުވެފައި ވަނީ ސޫރިޔާ އިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަން ސާބިތުކޮށްދެވޭ ވަރަށް ހެކި މިހާރު ލިބިފައިވާކަމުގަ އެވެ.
ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންޑް ވިދާޅުވެފައި ވަނީ ސޫރިޔާ އިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށާ މިއީ ހަނގުރާމައިގެ ޖަރީމާ އެއްކަމަށް ސިފަކުރައްވައި ސޫރިޔާ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފަ އެވެ. އެމެރިކާއަކީ އެކިއެކި ބަހަނާތައް ދައްކައިގެން ގައުމުތަކަށް ޢުދުވާނީ ގޮތުން އަރައިގަތުމުގެ ތާރީޚެއް އޮތް ގައުމެއްކަން ރަޝިޔާގެ މަސްއޫލުވެރިޔާ ބޮގްދެނޯވް ފާހަގަ ކުރެއްވި އެވެ.
ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ އެމެރިކާ ޢަސްކަރީގޮތުން ޢިރާޤަށް އަރައިގަނެ ޢުދުވާނީ ހަނގުރާމައެއްކޮށް ޢިރާޤުގެ އެތަށް ހާސްބަޔަކު މަރައި އެގައުމު ސުންނާފަތިކޮށްފައިވާ އިރު އިރާޤުން އެއްވެސް ބާވަތެއްގެ ފަނާކުރަނިވި ހަތިޔާރެއް ފެނިފައި ނުވާކަމަށް ވެސް ބޮގްދެނޯވް ވިދާޅުވި އެވެ. ސޫރިޔާގެ އިންފޮމޭޝަން މިނިސްޓަރު ޢިމްރާން އައްޒަޢަބީ ވަނީ އެގައުމުގެ ސިފައިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމުގެ ހެކިތައް އެބަހުރި ކަމަށް ބުނެހުޅަނގުން ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.
ސޫރިޔާގެ މައްސަލާގައި އެމެރިކާ އާ އިދިކޮޅަށް ރަޝިޔާ އޮތުމާއެކު އެމެރިކާ އިޤްތިސާދީ ގޮތުން ހީނަރުވެފައިވާތީއާއި ސޫރިޔާގެ ހަނގުރާމަވެރިންގެ ތެރޭގައި އަލްޤާއިދާގެ ހަނގުރާމަވެރިން ވެސް ޙަރަކާތްތެރިވާ ކަމަށް ބެލެވިފައިވާތީ ސޫރިޔާއާ ޢަސްކަރީގޮތުން ވަދެގަންނަން އެމެރިކާއަށް ނުކެރޭނެ ކަމަށް މުޙައްލިލުން ދެކެ އެވެ. (ނޫސްއެޖެންސީތައް)