ހުޅުމާލޭގައި ކުދިންތަކާ އެކު އިއްޔެ ބާސްކެޓް ބޯޅަ ކުޅެން އުޅެނިކޮށް ބޮލުގައި ބޯޅައަކުން ޖެހިގެން ކޯމާ އަކަށް ދިޔަ މަޖީދިއްޔާ ސްކޫލް ދަރިވަރު އަދި ވެސް އޮތީ ކޯމާއެއްގައި ވެންޓިލޭޓަރުގައި ކަމަށް އާއިލާ އިން ބުނެފި އެވެ.

ޝާންގެ ބޮޑުބޭބެ އައްޒާމް ލަތީފު މިރޭ ކޮލަމްބޯގައި ހުންނަވައިގެން ސަން އަށް ވިދާޅުވީ މަޖީދިއްޔާ ސްކޫލްގެ ގްރޭޑް9ގައި ކިޔަވަމުން އަންނަ އަލީ ޝާން، 14، އަދި ވެސް އޮތީ ކޯމާއެއްގައި "ވެންޓިލޭޓާ އިން ނޭވާ ލައްވާ" ގޮތަށް ކަމަށެވެ.

ޝާން ނިޔާވި ކަމަށް ސަން އިން ރިޕޯޓް ކުރީ، އާއިލާއާ ހަވާލާދީ މަޖީދިއްޔާ ސްކޫލުގެ އޮފިޝަލުން ސަން އަށް ޝާން ނިޔާވިކަން ކަށަވަރުކޮށްދިނުމުންނެވެ.

ޝާންގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ރޭ ދަންވަރު ޝާން އޮޕްރޭޝަން ކުރި ކަމަށާއި އޭނާގެ ސިކުނޑިއަށް އެޅިފައި ހުރި ލޭ ނެގި ކަމަށެވެ. ނަމަވެސް އޭނާ ބުނީ ޝާން ހޭ ނާރައި އޮތީ ކޯމާގައި ކަމަށެވެ.

ޝާން ލަންކާ އަށް ފޮނުވީ އައިޖީއެމްއެޗްގައި ފަރުވާއެއް ދެވެން ނެތިގެންނެވެ.

ޝާންގެ އާއިލާ އިން ބުނީ ބޯޅަ ޖެހުނީ ޝާންގެ ނޭފަތުގައި ކަމަށެވެ. އަދި ޝާން ހޮސްޕިޓަލާ ހަމައަށް ގެންދިޔައީ އެ ވަގުތު ތިބި ރައްޓެހިންނާ އެކު ކަމަށާއި ހޮސްޕިޓަލާ ކައިރިއަށް ދެވުނު ފަހުން ހޭނެތިގެން ވެއްޓުނު ގޮތަށް ހޭނާރާ ކަމަށެވެ.
----------
ނޯޓް: ސަން އިން ޝާން ނިޔާވި ކަމަށް ރިޕޯޓް ކުރީ ޝާން ކިޔަވާ ސްކޫލުން އެކަން ކަށަވަރުކޮށްދިނުމުންނެވެ. ނަމަވެސް ޝާން އަދި ވެސް އޮތީ މެޝިންގެ އެހީގައި ނޭވާ ލުމުގެ ތެރޭގައި ކަމަށް އާއިލާ އިން ބުނާތީ، ޝާންގެ އާއިލާ އާއި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ. -- އެޑިޓަރު