23 Oct 2010, 07:11
ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އަމިއްލަ ޖަމިއްޔާއަކުން ކެމްޕެއިނެއް ފަށައިފި އެވެ.
"އެޑޮވަކޭޑިން ދަ ރައިޓް އޮފް ޗިލްޑްރަން" ނުވަތަ ކުޑަކުދިންގެ ހައްގުތައް ހޯދައި ދިނުމަށް ކުރާ ކެމްޕެއިންގެ ނަމުގައި އާކް ޖަމިއްޔާ އިން ރޭ އާޓިފިޝަލް ބީޗުގައި ފެށި ކެމްޕެއިނުގެ މައިގަނޑު އަމާޒަކީ ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާތަކާ މެދު މުޖްތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި އެފަދަ އަނިޔާތައް ހުއްޓުވުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ބާރު އެޅުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާތަކާ ދެކޮޅަށް އެ މަޢުޟޫއުގެ ދަށުން ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ވެސް އާކް އިން ވަނީ ހުޅުވައިފަ އެވެ. އަދި ވޯލްޑް ޑޭ ފޯ ދަ ޕްރިވެންޝަން ޗައިލްޑް އޮފް އެބިއުސްގެ ގޮތުގައި ފާހަގަކުރަމުން އަންނަ ނޮވެމްބަރު 19 ވަނަ ދުވަހު އެ ޕޯސްޓަރުތައް ހިމެނައިގެން މައުރުޒެއް ބާއްވާނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރަޖިސްޓްރީ ކުރި އާކުން ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެކުދިންގެ ހައްގުތައް ކުރިއަރުވަން މަސައްކަތްކޮށް އެކަމާ މެދު އާންމުން ހޭލުން ތެރިކުރުވުމުގެ ތަފާތު ހަރަކާތްތަކެއް ހިންގައިފަ އެވެ. އެގޮތުން ކުޑަކުދިން މަގުމަތީގައި އުޅޭއިރު އެ ކުދިންނާ ދޭތެރޭ ރައްކާތެރި ކުރުވުމާ ބެހޭ ކެމްޕެއިނެއް ވަނީ އިފްތިތާހު ކޮށްފަ އެވެ. އަދި ކުދިންގެ ސިއްހަތަށް ފައިދާ ހުރި ކާނާ ދިނުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ވެސް ވަނީ މިހާރު ކެމްޕެއިންނެއް ފަށައިފަ އެވެ. މީގެ އިތުރުން ވެސް ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންނަށް އެކި ކަހަލަ ޕްރޮގްރާމްތައް ރާވައި ވަނީ ހިންގައިފަ އެވެ.
ރޭ އާޓިފިޝަލް ބީޗްގައި އޮތް އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ އަނބިކަލުން ލައިލާ އަލީ ވަނީ ބައިވެރިވެ ވަޑައިގަންފަ އެވެ. މީގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ހެލްތު މިނިސްޓްރީގެ ނައިބު މާރިޔާ އަލީގެ އިތުރުން ޔުނިސެފްގެ ރެޕްރެޒެންޓެޓިވުއެއް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. ރޭގެ ރަސްމިއްޔާތުގައި އާކްގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް ބައިވެރިވި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމާ ބެހޭ ގޮތުން ފެށި ކެމްޕެއިނާ ގުޅުވައިގެން "ކުޑަކުދިންނަށް ކުރާ އަނިޔާ އާ ދެކޮޅަށް އަތާއި އަތް ގުޅާލަމާ" ޝިއާރުގެ ދަށުން ފެއްސާއި ރަތާއި ހުދު ބޭނުން ކޮށްގެން ވަނީ ބެނާއެއް ތައްޔާރުކޮށްފަ އެވެ.