27 Apr 2013, 20:51
އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި އަންނަ ބުދަ ދުވަހު އިންޑޮނޭޝިއާގެ ޕާސިބޯއާ ދެކޮޅަށް ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަމިއްލަ ދަނޑުގައި ނިކުންނާނީ އުފާވާކަހަލަ ތާރީޚީ ދުވަހެއްގައި ތާރީޚީ ނަތީޖާއެއް ނެރެން ކަމަށް ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.
ނިއުރޭޑިއަންޓް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ކުޅޭ ފަހުމެޗު ޕާސިބޯއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. އެ ދުވަހަކީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހެވެ.
ސަންއަށް ދެއްވި އިންޓަވިއުގައި ބަލަކް ވިދާޅުވީ އޭއެފްސީ ކަޕުގެ ގްރޫޕް އެފްގައި އޮވެ ދެ ވަނަ ބުރުން ނިއު ޖާގަ ހޯދުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށާއި އެހެން ކަމުން މިދަނޑިވަޅުގައި ކުލަބުގެ ވިސްނުން ހުރީ އަންނަ ބުދަ ދުވަހު ޕާސިބޯއާ ދެކޮޅަށް ކުޅޭ މެޗުގައި ގިނަ ލަނޑުތަކެއް ކާމިޔާބުކޮށް ގްރޫޕްގެ އެއް ވަނަ މަގާމް ދިފާއު ކުރުން ކަމަށެވެ. އަދި ބުދަ ދުވަހުގެ މެޗުގައި ވީހާ ވެސް ގިނަ ބަޔަކު ކުލަބަށް ހިތްވަރު ދިނުމަށް ދަނޑަށް އައުމަކީ ކުލަބުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބަލަކް ވިދާޅުވިއެވެ.
"ގްރޫޕްގެ އެއް ވަނަ މަގާމްގައި ނިއު ބޭއްވުން ވަރަށް މުހިންމު. ބުދަ ދުވަހުގެ މެޗަށް ނިއު ނިކުންނައިރު ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް ހާޒިރުވެ ދަނޑު ފުރާލުން ވަރަށް މުހިންމު. އަޅުގަނޑު މެން އެދުވަހުގެ މެޗަށް ނިކުންނާނީ ފުލް ގިއަރުގަ،" ބަލަކް ވިދާޅުވި އެވެ.
ބަލަކް ވިދާޅުވީ އެންމެ ފަހުން ނިއު ކުޅުނު ދެ މެޗުގައި އެޓީމްގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނައަށް ޓީމުގެ ފުލް 11 އިން ޖާގަ ނުލިބުނަސް އޭނާ އަކީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި ވިދާޅުވީ ޕާސިބޯއާ ދެކޮޅަށް ނިއު ކުޅޭ މެޗުގައި ދަނގަޑޭއަށް ކުޅެވޭތޯ ނުވަތަ ނުކުޅެވޭތޯ ނިންމާނީ ވަގުތު ޖެހުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" ޕާސިބޯއާ ދެކޮޅަށް ނިކުންނައިރު އަޅުގަނޑުމެން މިތައްޔާރުވަނީ ޓީމެއްގެ ގޮތުގައި. އަޝްފާގަށް ލިބުނު އަނިޔާއިން އޭނަ މިހާރު އަންނަނީ ރިކަވަރީވަމުން. އަޝްފާގު ނޫނަސް ޓީމުގައި ކުދިކުދި އަނިޔާތައް ލިބިފައިވާ ކުޅުންތެރިން އެބަތިބި." ބަލަކް ވިދާޅުވިއެވެ.
ދެވަނަ ބުރުގައި އެއް ލެގު އޮންނަ އިރު ގްރޫޕް ސްޓޭޖް ނިމޭއިރު އެއްވަނައިގައި އޮންނަ ޓީމަކަށް ދެވަނަ ބުރުގެ ހޯމްއެޑްވާންޓޭޖް ލިބޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއްވަނަ ކުލަބެއް އެނގޭނީ އަންނަ ބުދަ ދުވަހު އެކުޅޭ ގުރޫޕު ސްޓޭޖްގެ ފަހު މެޗުންނެވެ.
ނިއުއާ އެކު މި ގްރޫޕުން ދެ ވަނަ ބުރަށް ދެން ދަތުރުކޮށްފައިވާ އަނެއް ޓީމަކީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑެވެ. ނިއު އާއި ޔަންގޮން އަށް 12 ޕޮއިންޓް ލިބިފައިވާއިރު ދެ ޓީމުގެ ފައިދާ ގޯލު ވެސް އެއްވަރެވެ. ޖެހި ގޯލް ގިނަވުމުން އެއް ވަނައިގައި އަދި އޮތީ ޔަންގޮން އެވެ. ނިއު އޮތީ ދެ ވަނައިގަ އެވެ. ހަތަރު ޕޮއިންޓާ އެކު އޮތް ސަންހައި އާއި އެއް ޕޮއިންޓާ އެކު އޮތް ޕާސިބޯ ވަނީ މުބާރާތުން ކަޓައިފަ އެވެ.
ނިއުއާ ދެކޮޅަށް ޕާސިބޯ މާލޭގައި ކުޅޭ މެޗުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ.