27 Apr 2013, 17:19
އިނގިރޭސި ވިލާތުގެ އަންހެހުންގެ އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި 2-1ން ލިވަޕޫލް ބަލިކޮށް އާސެނަލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު ސެމީފައިނަލު މެޗުގެ ފުރަތަމަ ހާފުގެ މެދެއްހާ ތަނުގައި އާސެނަލްއަށް މެޗުގެ ކުރިހޯދައިދިނީ، އެ ކުލަބުގެ ފޯވަޑް އެލެން ވައިޓްއެވެ. އެހެން ނަމަވަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުގެ ފޯވަޑް ނަތާޝާ ޑޯވީ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެކުލަބަށް ހަމަހަމަ ކޮށްދީފައެވެ. ދެވަނަ ހާފުގެ ކުރީ ކޮޅުގައި އާސެނަލްއަށް ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދައިދީ 13 ވަނަ ފަހަރަށް ފައިނަލަށް ވާސިލުވުމުގެ ޝަރަފް ހޯދައިދިނީ އެކުލަބުގެ ސްކޮޓްލެންޑް މިޑްފީލްޑަރު ކިމް ލިޓްލްއެވެ.
މީގެ ފަސްދުވަސް ކުރިން، ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގައި ޖަރުމަނުގެ ވުލްފްސްބާގު އަތުން ބަލިވެ މުބާރާތުން ކެޓި އާސެނަލްގެ ކޯޗު ޝެލީ ކެރް ވަނީ އޭނާގެ ކުޅުނުތެރިން ލިވަޕޫލާ ދެކޮޅަށް ދައްކި ކުޅުމާ ދޭތެރޭގައި ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނީ އާސެނަލްގެ ކުޅުންތެރިން ވަނީ އާދީއްތަދުވަހުގެ "ހިތި" ހަނދާންތައް އެއްފަރާތްކޮށް ލިވަޕޫލާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ދައްކާފައި ކަމަށެވެ. އަދި އެ މެޗުގައި ބޮޑު ތަފާތަކުން މޮޅުވެވޭ ފަދަ ފުރުސަތުތަކެއް އާސެނަލްއިން ތަނަވަސް ކުރިކަމަށްވެސް އޭނާ ބުންޏެވެ.
އަންހެނުންގެ އެފްއޭ ކަޕް 11 ފަހަރު ކާމިޔާބު ކޮށްފައިވާ އާސެނަލް މިފަހަރުގެ ފައިނަލުގައި ވާދަކުރަން ޖެހޭނީ އާދީއްތަ ދުވަހު ބްރިސްޓޮލް އެކަޑެމީއާއި ލިންކޮންއާ ވާދަކޮށް މޮޅުވާ ޓީމަކާއެވެ. ފައިނަލު މެޗު އޮންނާނީ އަންނަ މޭ މަހުގެ 26 ވަނަ ދުވަހު ޑޮންކާސްޓާ ކީޕްމޯޓް ސްޓޭޑިއަމްގައެވެ.