27 Apr 2013, 15:58
ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރި ތިން މީހަކު އެއް އަހަރަށް ޖަަލަށް ލާން ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ޏ. ފުވައްމުލައް، މާދަޑު ކަރަންކާގެ، އަހްމަދު ފަޟީލް، 23، އާއި އެރަށު މާދަޑު މަހީނާ، ސަމާމު އަހްމަދު،18، ގެ އިތުރުން ހަމައެގޭ މުހައްމަދު އަރީޝް،26، ގެ މައްޗަށެވެ.
މި މަހުގެ 11 ވަނަ ދުވަހު ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ އެ ތިން މީހުން މަސްތުވެގެން ތިބިކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުންގެ އޮފިސަރަކު އެންގުމުން އެމީހުން އެކަމަށް އިންކާރުކޮށްފައި ވާތީ އެވެ.
އެ މީހުންގެ ތެރެއިން ފަޞީލްގެ މައްޗަށް ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ފުވައްމުލަކު މަގުމަތީގައި ގުރޫޕް ހަދައިގެން އުޅެނިކޮށް މީނާގެ އަމަލުތައް ހުރިގޮތުން މަސްތުގެ ހާލަތުގައި ހުރިކަމަށް ޝައްކުކުރެވިގެން އޭނާ ހައްޔަރުކޮށް ކުޑަކަމުދާތަކެތި ދޭން ބުނުމުން ކުޑަކަމުދާތަކެތި ދީފައި ނުވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ސަމާމު އާއި އަރީޝްގެ މައްޗަށް ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހު މި ދެމީހުން ދިރިއުޅޭ ގޭގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ގެއަށް ގޮސް މަސްތުވާތަކެއްޗާ އެކު އެ ދެ މީހުން ހައްޔަރުކޮށް ކުޑަކަމުދާތަކެތި ދޭން ބުނުމުން ކުޑަކަމުދާތަކެތި ދީފައި ނުވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.