27 Apr 2013, 15:19
ކުދި މަދްރަސާތަކުގައި ކިޔަވައިދިނުމުގެ އުޞޫލުތައް އިސްލާހުކޮށް ރަނގަޅު ކުރުމަށް ޓަކައި ވާލްޑް ބޭންކްގެ އެހީގައި މަލްޓި ޕްލޭން ޓީޗިންގް ޕްރޮޖެކްޓެއް މި އަހަރު ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
މ. އަތޮޅު މަޑުއްވަރީއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކުދި ސްކޫލްތަކުގައި ކިޔަވައިދިނުމުގެ އުޞޫލުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ އާ މަޝްރޫއުގެ ދަށުން ކިޔަވައިދޭނެގޮތުގެ ވިއުގައެއް ކަނޑައަޅައި އެކަން ތަޢާރުފްކުރާނެ ސްކޫލްތައް ކަނޑައެޅި ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ކުރުމުގެ މަޝްރޫޢުތައް ހިންގަވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ކަމަށް ޓަކައި ސަރުކާރުގެ ފަރާތުން ދެއްވަން ޖެހޭ އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުދި މަދްރަސާތަކުގެ މައްސަލައަކީ ރާއްޖޭގައި މިހާރު ވަރަށް ބޮޑު މައްސަލައެއް ކަމާއި ރާއްޖޭގައި ވަރަށް ގިނަ ޢަދަދެއްގެ ކުދި މަދްރަސާތައް އެބަހުރިކަން ފާހަގަކުރެއްވި އެވެ. އަދި ބައެއް ކުދި ސްކޫލްތަކުގައި އެވްރެޖް ގޮތެއްގައި ކްލާހެއްގައި ތިބެނީ، ތިން ހަތަރު ކުދިން ކަމަށާއި އަދި އެހެން ސްކޫލްތަކުގައި ތިބެނީ އަށެއްކަ ކުދިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މި ޙާލަތަށް ސްކޫލްތަކުގެ ކަންތައް ގޮސްފައިވުމާ އެކު، ސްކޫލްތަކުގެ ކިޔަވައިދިނުމަށް ވަރަށް މުހިންމު ބަދަލުތަކެއް ގެންނަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ. ކިޔަވައި ދިނުމުގެ އުޞޫލުތައް، މިޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، އެކަމުގެ ސަބަބުން ވަރަށް ރަނގަޅު ކުރިއެރުންތަކެއް ލިބެމުންދާނެ ކަމުގައި ވިދާޅުވި އެވެ.
"މިއަދު ޢިލްމުވަނީ ވަރަށް ފުޅާވެފައި. އެހެންވީމާ، މިކަން ކުރެވޭނީ، ކިޔެވުމުގެ ހުނަރުތައް ކުދިންނަށް ރަނގަޅަށް ދަސްކޮށްދީގެން. އަދި އެކުދިން އަމިއްލައަށް ކިޔެވުމުގެ ޝައުގުވެރިކަން އުފައްދައިގެން. މިކަން ކުރުމަށް ޓަކައި ކިޔެވުމުގެ އުޞޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެބަޖެހޭ." ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިބާވަތުގެ މަޝްރޫޢުތައް ހިންގުމުގައި އެމަނިކުފާނު ދުނިޔޭގެ ވަރަށް ގިނަ ގައުމުގައި އދ. އާ އެކީގައި މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ތަޖްރިބާ ޙިއްޞާ ކުރެއްވި އެވެ. އަދި މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށާއި ޓީޗަރުން ކުރަމުންދާ މަސައްކަތަށް އިތުރު މުއްސަނދިކަމެއް ގެނެވި، ޓީޗަރުންނަށް ވެސް އިތުރު އެހީތެރިކަމެއް ފޯރުކޮށްދެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.