23 Oct 2010, 05:08
ތާޖުއްދީން ސްކޫލުގައި "ސްޓެޓިސްޓިކްސް ފެއާ" ހުޅުވައިފި އެވެ.
އިއްޔެ ހަވީރު 4:00ގައި ތާޖުއްދީން ސްކޫލުގައި ހުޅުވި މި ފެއާގައި ސަރުކާރުގެ ތަފާތު މުއައްސަސާތަކުންނާއި އަމިއްލަ ޖަމިއްޔާތަކުން ބައިވެރިވެފައިވެ އެވެ.
ސާދަ އަށް ވުރެ ގިނަ ސްޓޯލް ބަހައްޓާފައިވާ ފެއާގައި އެ އިން ކޮންމެ ސްޓޯލަކުން ވެސް އެ މުއައްސަސާއަކާ ގުޅޭ ތަފާސްހިސާބާއި ހޭލުން ތެރިކުރުވުމުގެ މައުލޫމާތު ފޯރުކޮށްދީފައިވެ އެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިންގެ ބޭފުޅަކު މައުލޫމާތު ދެއްވި ގޮތުގައި ސްޓެޓިސްޓިކްސް ފެއާއެއް ބޭއްވުމުގެ މަގުސަދަކީ ތަފާސްހިސާބާ ބެހޭ ގޮތުން މީހުން ހޭލުންތެރި ކުރުވުމެވެ.
ބައެއްސްޓޯލްތަކުން އެ ސްޓޯލަކާ ގުޅޭ ގޮތުން ކުއިޒް ވެސް ހުޅުވާލާފައިވެ އެވެ. ކުއިޒުން މޮޅުވާ ފަރާތްތަކަށް ތަފާތު އިނާމު ވެސް ދިނުމަށް ރާވާފައިވެ އެވެ. ޑައިބެޓީސް އެސޯސިއޭޝަން އޮފް މޯލްޑިވިސްގެ ފަރާތުން އެ ފެއާގައި ބައިވެރިވި ފަރާރްތަކުގެ ހަކުރު ޓެސްޓާއި ފިޓްނަސްޓެސްޓް ހަދާދީފައިވެ އެވެ.
މިއަދު ފެއާ ހުޅުވިފައި ހުންނާނެ ވަގުތުތަކަކީ ހަވީރު 4:00 އިން ފެށިގެން 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. މިއަދަކީ މި ފެއާ ހުޅުވާފައި ހުންނާނެ އެންމެ ފަހު ދުވަހެވެ.
މިމަހު 19 އިން ފެށިގެން 26 ގެނިޔަލަށް ދިވެހި ރާއްޖޭގައި ތަފާސްހިސާބު ހަފްތާ ފާހަގަކުރުމަށް ހަމަޖެހިފައިވެ އެވެ.
މި ހަފްތާ ރަސްމީކޮށް އިފްތިދާހު ކުރުމުގެ ގޮތުން ސްއެމްއެސް މެދުވެރިކޮށް ރާއްޖެ އާ ގުޅޭ ތަފާތު، ތަފާސްހިސާބު ހޯދޭނެ ނިޒާމެއް ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިން (ޑީއެންޕީ) އިން މި މަހު 20 ވަނަ ދުވަހު ތައާރަފްކޮށްފައިވެ އެވެ.