27 Apr 2013, 14:24
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ބައްދަލުވުންތަކުގައި މެދުކެނޑުމަކަށް ފަހު އަނެއްކާ ވެސް ފުރިހަމައަށް ރާއްޖެ ބައިވެރިވާން ފެށުމާ އެކު އެ ގްރޫޕުގައި ހިމެނޭ ގައުމުތަކުގެ ހާރިޖީ ވަޒީރުން ރާއްޖެ އަށް މަރުހަބާ ކިޔައިފި އެވެ.
ރާއްޖޭގެ ވެރިކަން ބަދަލުވުމާ ގުޅިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ސީމެގުގެ ބައްދަލުވުމެއްގައި ރާއްޖެ ފުރިހަމައަށް ތަމްސީލު ކުރުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ. އަދި ރާއްޖެ ސީމެގުގެ ބައްދަލުވުންތަކުގައި ފުރިހަމައަށް ބައިވެރި ކުރުމަށް ނިންމާފައި ވަނީ ހުސްވި އަހަރުގެ ސެޕްޓެމްބަރުގައި އެ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
ލަންޑަނުގައި ހުންނަ ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި އިއްޔެ ބޭއްވުނު ބައްދަލުވުމުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާއާއި އޮސްޓްރޭލިޔާ، ބަންގުލަދޭޝް، ކެނެޑާ، ޖެމެއިކާ، އިއެރަލިއޯން، ޓެންޒޭނިޔާ، ޓްރިނިޑާޑް އެންޑް ޓޮބާގޯ އަދި ވަނުއާތޫގެ ހާރިޖީވަޒީރުންނާ އެކު ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުއްސަމަދު އަބްދުﷲ ވަނީ ސީމެގުގެ އެޖެންޑާގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން މަޝްވާރާ ކޮށްފަ އެވެ.
އިއްޔެ ލަންޑަނުގައި ކުރިއަށް ގެންދިޔަ ސީމެގުގެ ބައްދަލުވުމުގައި ޑރ. ސަމަދު ވަނީ ހުސްވި އަހަރު ރާއްޖެއާ ދޭތެރޭގައި ސީމެގުން ގެންގުޅުނު ހަރުދަނާ ފިޔަވަޅުތަކަށް ޓަކައި ސީމެގުގައި ހިމެނޭ ގައުމުތަކުގެ ހާރިޖީ ވަޒީރުންނަށާއި އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ޝުކުރު އަދާކުރަށްވާފަ އެވެ.
ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެފައި ވަނީ "ސީމެގުގެ ބައްދަލުވުންތަކަށް ރާއްޖެ އަށް އަލުން ދައުވަތު ލިބުމުން އަންގައި ދެނީ ރައީސް ޑރ. ވަހީދުގެ ސަރުކާރުން ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް ކުރަށްވަމުންގެންދަވާ މަސައްކަތްޕުޅުތައް ކޮމަންވެލްތުން ބަލައިގެންފި" ކަމެވެ.