27 Apr 2013, 13:55
އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުގައި މަތީ ތައުލީމު ހާސިލުކުރާ ރާއްޖޭގެ ކިޔަވާ ކުދިންނަށް އެގައުމަށް ދިއުމަށްޓަކައި ބޭނުންވާ ވިސާ ހޯދުމުގައި ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް އިނގިރޭސި ވިލާތުގެ ކަމާ ބެހޭ ފަރާތްތަކުގައި ރާއްޖޭގެ ހާރިޖީ ވުޒާރާ އިން އެދިއްޖެ އެވެ.
ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. ޢަބްދުއްސަމަދު ޢަބްދުﷲ، އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގެ ޕާލިމެންޓަރީ ސެކްރެޓަރީ ސްޓޭޓް އޮފް ފޯ ފޮރިން އެންޑް ކޮމަންވެލްތު އެފެއާޒް މރ. އެލިސްޓަޔާ ބާޓްއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އިން އިނގިރޭސިވިލާތަށް މަތީ ތައުލީމު ޙާސިލު ކުރުމަށްދާ ދަރިވަރުންނަށް ވިސާހޯދުމުގައި ދިމާވާ އުނދަގޫތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.
ވިސާ ހޯދުމަށްޓަކައި ކޮންމެ ފަހަރަކު ސްރީލަންކާ އަށް ދާންޖެހުމުން އިނގިރޭސިވިލާތަށް ފުރުމުގައި ލަސްވުމާއި އަދިވެސް ބައެއް އެހެނިހެން ދަތި އުނދަގޫ ކަންކަން މެދުވެރިވާތީ އެކަމަށް ދާއިމީ ހައްލެއް ނުލިބިއްޖެ ނަމަ ރާއްޖޭގެ ކިޔަވާކުދިން އިނގިރޭސިވިލާތަށް ދިއުމުގެ ބަދަލުގައި އެހެން ގޮތެއް ހޯދަން މަޖުބޫރުވެދާނެ ކަމަށާއި އަދި އެފަދަ ގޮތެއް މެދުވެރިވުމަކީ ރާއްޖެ އިން ބޭނުންވާ ގޮތް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ހާރިޖީ ވަޒީރާ ބައްދަލު ކުރައްވައި ބާޓް ދެއްކެވި ވާހަކަފުޅުގައި ވިސާ ހޯދުމުގެ މައްސަލައިގައި ރާއްޖޭގެ ކުދިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އިނގިރޭސި ސަރުކާރުން މަސައްކަތް ކޮށްދެއްވާނޭ ކަމަށާއި އަދި ރާއްޖޭގެ ރައްޔިތުންނާ ދޭތެރޭގައި އިނގިރޭސި ސަރުކާރުން ބަހައްޓާ ގާތްކަމާއި އެހީތެރިކަން އަބަދުވެސް އޮންނާނޭ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.
ޕާލިމެންޓަރީ ސެކްރެޓަރީ ސްޓޭޓް އޮފް ފޯ ފޮރިން އެންޑް ކޮމަންވެލުތު އެފެއާޒާއި ބައްދަލު ކުރައްވައި ޑރ. ސަމަދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަމުންދާ ތައްޔާރީ ތަކާބެހޭ ގޮތުން ވެސް އަލިއަޅުއްވާލައްވާފައިވެ އެވެ.
ހާރިޖީވަޒީރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ އެ ދަތުރު ފުޅުގައި "ޗެއާ އޮފް އޯލް-ޕާޓީ ބްރިޓިޝް-މޯލްޑިވްސް ޕާލިމެންޓަރީ ގްރޫޕް" (އޭޕީޕީޖީ) މރ. ޑޭވިޑް އެ މެސް އާ ވެސް ބައްދަލު ކުރެއްވި އެވެ. އެ ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިހާރުގެ ހާލަތާއި ބޯމަތިވަމުން އަންނަ ރިޔާސީ އިންތިހާބާއި އަދި ރާއްޖޭގެ މަޖިލިސް މެންބަރުންނާއި އިނގިރޭސި ވިލާތުގެ ޕާލިމެންޓުގެ މެންބަރުންނާ ދޭތެރޭގައި އިތުރަށް ގުޅުން ހަރުދަނާ ކުރުމަށް ކުރެވިފައިވާ އަދި ކުރެވޭނޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވެ އެވެ. އަދި ޑޭވިޑް އެމެސް ވަނީ އޭޕީޕީޖީގެ ފަރާތުން ރާއްޖެއަށް ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދެއްވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައި ރާއްޖޭގެ ބަރުލަމާނީ މުއައްސަސާތައް ހަރުދަނާ ކުރުމަށް ދެގައުމުގެ ޕާލިމެންޓު މެންބަރުންގެ މެދުގައި މަޝްވާރާތައް ބޭއްވުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދައްކަވާފަ އެވެ.