27 Apr 2013, 13:42
ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވި ދައުލަތުގެ މުސާރަ އާއި ސިޔާސަތުގެ ބިލުގައި މަޖިލީހުން ކަނޑައަޅާ ގޮތަކަށް ޕޭ ކޮމިޝަންގެ ނިންމުންތައް ތަންފީޒު ކުރަން ޖެހޭ ގޮތަށް ނިންމައިފި އެވެ.
މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގައި ފާސް ކުރި ދައުލަތުގެ މުސާރައާއި ސިޔާސަތުގެ ބިލް ރައީސް ޑރ. މުހައްމަދު ވަހީދު ތަސްދީގު ނުކުރެއްވި ސަބަބުތަކުގެ ތެރޭގައި ޕޭ ކޮމިޝަންގެ ނިންމުންތައް މަޖިލީހުން ކަނޑައަޅާ ގޮތަށް ތަންފީޒު ކުރަން ލާޒިކޮށްފައިވާ ސަބަބު ހިމެނެ އެވެ.
އިގްތިސާދީ ކޮމެޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ މުސާރައިގެ ސިޔާސަތުގެ ބިލުގެ ރިޕޯޓްގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި ގާނޫނު ހެދުމުގެ ބާރާއި ޝަރުއީ ދާއިރާއާއި ވެރިކަން ހިންގުމުގެ ބާރާއި މިނިވަން މުއައްސަސާތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރު ސަރުކާރުގެ ކޮންޓްރޯލް އޮންނަ ޕޭ ކޮމިޝަނަކަށް ދިއުމުގެ ބަދަލުގައި މަޖިލީހާ ގުޅިގެން ކުރެވޭ މަސައްކަތެއްގެ ގޮތުގައި އެކަން އޮތުމަކީ ޗެކް އެންޑް ބެލެންސް ދެމެހެއްޓޭނެ ގޮތް ކަމަށެވެ.
ނަމަވެސް ރައީސް ވަހީދު މަޖިލީހަށް ފޮނުއްވެވި ސިޓީއެއްގައި ބުނެފައި ވަނީ މަޖިލީހުން ކަނޑައަޅާ ގޮތަކަށް ޕޭ ކޮމިޝަންގެ ނިންމުންތައް ތަންފީޒު ކުރަންޖެހުމަކީ ގާނޫނު އަސާސީން ވަކިކޮށްދީފައިވާ އިންތައް ގެއްލި ދައުލަތުގެ ހިންގުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އަދި ދައުލަތް ހިންގުމުގައި މުސާރަ އާއި ސިޔާސަތުތައް ތަންފީޒު ކުރުމުގެ ބާރު ވެރިކަން ހިންގާ ބާރަށް ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޕޭ ކޮމިޝަންގެ މަސްއޫލިއްޔަތަކީ ދައުލަތުގެ މުވައްޒަފުންނަށް ދެމުންގެންދާ މުސާރަ އާއި އިނާޔަތް މުރާޖާއާކޮށް އިސްލާހު ކުރަން ޖެހޭ މުސާރަ އާއި އިނާޔަތް އިސްލާހު ކުރަން ޖެހޭ ގޮތް ބަޔާންކޮށްދިނުމެވެ. އަދި މުވައްޒަފުން ކުރާ މަސައްތުގެ ޒާތުން އެކަށީގެންވާ އުޖޫރަތަކެއް ލިބިދޭ ގޮތަށް މުސާރަތައް ކަނޑައެޅުމެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު 2011 ވަނަ އަހަރު މަޖިލީހަށް ހުށަހެޅުއްވި މުސާރައިގެ ސިޔާސަތުގެ ބިލުގައި ބުނާ ގޮތުން ޕޭ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އަދި އެ ކޮމިޝަންގެ ރައީސްއަކަށް އަޔަން ކުރަންވާނީ ފިނޭންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއް ކަމަށާއި ކޮމިޝަންގެ އައްޔަން ކުރާ ފަސް މެންބަރުން ވެސް މަގާމުގައި ދެމިތިއްބަވާނީ ފަސް އަހަރު ދުވަހަށެވެ. އެ ކޮމިޝަންގެ މެންބަރުންނަށް މުސާރަ ކަނޑައަޅުއް ވާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.