27 Apr 2013, 12:02
ސްޕެއިން ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރެއާލް މެޑްރިޑް މިރޭ ނިކުންނައިރު، ރެއާލްގެ ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ މިރޭގެ މެޗުގައި ނުފެންނާނެ ކަމަށް ރެއާލްގެ އެސިސްޓަންޓް ކޯޗު އައިޓޯ ކަރަންކާ ބުނެފި އެވެ.
ރާއްޖެ ގަޑިން މިރޭ 11:00 ޖަހާއިރު ކުޅޭ މެޗުގެ ކުރިން ރެއާލްގެ އެސިސްޓަންޓް ކޯޗު އައިޓޯ ކަރަންކާ ބުނީ، އެ މެޗަކީ ލީގުގެ ދެ ވަނަ މަގާމްގައި އޮތް އޮތުން ދެމެހެއްޓުމަށް އެ ޓީމަށް ވަރަށް މުހިންމު މެޗެއް ކަމަށާއި އެހެން ނަމަވެސް ޓީމުގެ މުހިންމު ކުޅުންތެރިޔާ ރޮނާލްޑޯއެއް މިރޭގެ މެޗުގައި ނުފެންނާނެ ކަމަށެވެ.
"މިރޭގެ މެޗުގައި ރޮނާލްޑޯ ނުފެންނީ އޭނާއަށް އަނިޔާވެފައި ވާތީ. އެކަމުކު މިރޭގެ މެޗުން މޮޅެއް ހޯދުން މުހިންމު. އެއީ ލީގުގެ ދެ ވަނަ މަގާމްގައި އޮތް އޮތުން ތަކުރާރު ކުރުމަށް،" ކަރަންކާ ބުންޏެވެ.
ކަރަންކާ ބުނީ، ރޮނާލްޑޯ އަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 4-1 އިން ރެއާލް ބަލިވި މެޗުގައި ކަމަށާއި އެހެން ނަމަވެސް އެ އަނިޔާ އަކީ މާ ސިރިއަސް އަނިޔާއެއް ނޫން ކަމަށެވެ. އަދި ރޮނާލްޑޯއަށް ލިބިފައިވާ އަނިޔާ އަކީ ކޮންކަހަލަ އަނިޔާއެއް ކަމެއް ކަރަންކާ މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ.
"ރޮނާލްޑޯ އަށް ލިބުނު އަނިޔާގެ ސަބަބުން އިއްޔެ އޮތް ޓީމުގެ ފަރި ތަކުރުމުގައި އޭނަ ބައިވެރިއެއް ނުވެ. މިރޭގެ މެޗުގައި ރޮނާލްޑޯ ނުފެނުނު ކަމުގައި ވިޔަސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ޑޯޓްމަންޑާ ދެކޮޅަށް އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗުގައި އޭނަ ފެންނާނެ،" ކަރަންކާ ބުންޏެވެ.
ސްޕެއިންގެ ބައެއް މީޑިއާ ތަކުން ބުނެފައި ވަނީ، އެތްލެޓިކޯއާ ދެކޮލަށް ރެއާލް މިރޭ ކުޅޭ މެޗުގައި ރޮނާލްޑޯ ނުފެންނާނެ ކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗް ކަރަންކާ ބުނެފައި ވަނީ ޖަރުމަންގެ ޑޯޓްމަންޑާ ދެކޮޅަށް ރެއާލްގެ އަމިއްލަ ދަނޑުގައި އަންނަ އަންގާރަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގަށް ރޮނާލްޑޯއަށް ރެސްޓު ދިނުމުގެ ގޮތުން ކަމަށެވެ.
އެތްލެޓިކޯއާ ދެކޮޅަށް ރެއާލް މިރޭ ނިކުންނައިރު، ސްޕެނިސް ލީގުގައި ރެއާލް އޮތީ 71 ޕޮއިންޓާއެކު ދެ ވަނަ މަގާމް ގައެވެ. އަދި އެތްލެޓިކޯ އޮތީ 68 ޕޮއިންޓާއެކު ލީގުގެ ތިން ވަނަ މަގާމުގަ އެވެ. ލީގުގެ އެއް ވަނަ މަގާމްގައި އޮތީ 84 ޕޮއިންޓާއެކު އޮތް ބާސެލޯނާ އެވެ.