ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވީ ނަމަވެސް އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން ބާސެލޯނާގައި މަޑު ކުރާން ބޭނުންކަމަށް އެކުލަބުގެ ކޯޗު ޓިޓޯ ވިލަނޮވާ ބުނެފި އެވެ.

ވިލަނޮވާގެ "އަރު"ގެ ތެރޭގައި "ޓިއުމާ"އެއް އުފެދިގެން 2011 ވަނަ އަހަރު ވަނީ އޮޕްރޭޝަން ކޮށްގެން އެ ނަގާފަ އެވެ. އެހެން ނަމަވެސް ހުސްވި އަހަރު އަނެއްކާ ވެސް އެފަދަ މައްސަލައެއް ދިމާވެގެން 44 އަހަރުގެ ވިލަނޮވާ ވަނީ އިތުރު "ސާޖަރީ"އެއް ކުރުމަށް ފަހު، "ރޭޑިއޯތެރަޕީ"އާއި "ކީމޯތެރަޕީ" ހެދުމަށްޓަކައި ނިއުޔޯކުގައި 10 ހަފްތާ ހޭދަކޮށްފަ އެވެ. އަދި އެނބުރި ކުލަބާ ހަވާލުވީ މިދިޔަ މާޗުމަހުގެ ތެރޭގަ އެވެ.

ބާސާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޮލާ 2012 ވަނަ އަހަރުގެ ޖޫންމަހު ކުލަބު ދޫކޮށްލުމުން އޭނާގެ ބަދަލުގައި ކޯޗުކަމާ ހަވާލުވީ އޭރު ގާޑިއޮލާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި ވިލަނޮވާ އެވެ.

ވިލަނޮވާ ބުނެފައި ވަނީ ބާސާގެ ކޯޗުކަމުގައި 2014އާ ހަމަހައަށް ހުންނަން އޭނާ ބޭނުން ކަމަށެވެ. އަދި އޭނާގެ ސިއްހީ ހާލަތު އެކަމަށް ތަންދޭނޭ ކަމަށާއި ޑޮކްޓަރުންވެސް ލަފާދީފައި ވަނީ އޭނާގެ މަސައްކަތުގައި ކުރިއަށް ދިއުމަށް ކަމަށެވެ.

"އަހަރެން ބޭނުން ވަނީ މި މަސައްކަތުގައި ކުރިއަށްދާން. އަހަރެންގެ ހަށިގަނޑުގައި ވަރު އެބަހުރި، އަދި ސިއްހަތު ވެސް އެކަމަށް ތަންދޭ. އަހަރެން މިބަލަނީ މަސައްކަތާއިގެން ކުރިއަށް ދެވޭތޯ،" ވިލަނޮވާ ބުންޏެވެ. "ދެދުވަހުގެ ޗުއްޓީއެއް ލިބުނަސް އަހަންނަކަށް ނޭނގެ ކުރަންވީ ކަމެއް. ބާސާގެ ކޯޗުކަމަކީ އަހަރެންގެ ބޮލުގައި އެޅިފައިވާ ބުރައެއް ނޫން އަދި ޑޮކްޓަރުން ލަފާދީފައިވަނީ ވެސް އަހަރެން މަސައްކަތުގައި ކުރިއަށް ދިއުމަށް".

ވިލަނޮވާ ނެތި ބާސާ ކުޅުނު މެޗުތަކުގައި ކުލަބުގެ ސީނިއާޓީމުގެ ހުރިހާ ކަމެއް ބަލަހައްޓާފައި ވަނީ އޭނާގެ ދެ އެސިސްޓެންޓް ކޯޗުން ކަމަށްވާ ޖޯޑީ ރޯރާއާއި އޯރެލީ އަލްތިމިރާއެވެ. އަދި ވިލަނޮވާ ނެތި ދިޔަ ދުވަސްވަރުގައި ބާސާ ކުޅުނު 13 މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބު ކޮށްފައި ވީނަމަވެސް "ކޮޕާ ޑެލްރޭ"ގައި ފެބްރުއަރީމަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެ ބާސާވަނީ އެ މުބާރާތުން ކަޓާފައެވެ.

ސްޕެނިޝް ލީގުގައި 13 ޕޮއިންޓުގެ ތަފާތަކާއެކު ތާވަލުގެ އެއްވަނައިގައި އޮތް ބާސާއަށް 22 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމުގެ އުންމީދު ބޮޑު ނަމަވެސް ޔުއެފާ ޗެމްޕިއަންސް ލީގުގައި ހުސްވި ހަފްތާގައި ޖަރުމަނުގެ ބަޔާން މިޔުނިކާދެކޮޅަށް ކުޅެ 4-0ގެ ބޮޑު ތަފާތަކުން ބަލިވުމުގެ ސަބަބުން ޗެމްޕިއަންސް ލީގުން ކެޓުމުގެ ބިރު މިހާރު އެކުލަބަށް ވަރަށް ބޮޑަށް އެބައޮތެވެ.