މިހާރު ކުރިއަށްދާ 23 ވަނަ ގައުމީ ކަސްރަތު މުބާރާތުގައި އިއްޔެ ވެސް 10 އިވެންޓެއް ކުރިޔަށް ދިޔަ އެވެ.

މާލޭ ކުޅިވަރު އެކުއެނީގައި މިއަދުގެ ނިޔަލަށް ކުރިޔައް ގެންދާ އެމުބާރާތުގެ ފިރިހެނުންގެ ލޯންގް ޖަމްޕް އިވެންޓުން އެއް ވަނަ ހޯދީ މޭޑް ރަނަސްގެ ހާޒިފް މުހައްމަދު އެވެ. އޭނާ ލޯންގް ޖަމްޕް ކޮށްފައިވަނީ 6.17 މީޓަރަށެވެ.

އަންހެނުންގެ ލޯންގް ޖަމްޕް އިން އެއް ވަނަ 4.44 މީޓަރަށް ފުންމައިގެން ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ އަފާ އިސްމާއީލް އެވެ.

ފިރިހެނުންގެ ޖެވެލިން ތްރޯވް 37.15 މީޓަރަށް އެއްލައިގެން މިއިވެންޓް ކާމިޔާބު ކުރީ ޒިފިއަސް ސްޕޯޓްސް ކްލަބްގެ އަހްމަދު އަފްސަން ރަސާދު އެވެ.

ފިރިހެނުންގެ 800މ ދުވުން ދެ މިނެޓް މިނިޓް ހަތަރު ސިކުންތުން ދިވެހި ސިފައިންގެ ކްލަބްގެ އަހްމަދު ހަސަން ކާމިޔާބު ކުރިއިރު އަންހެނުންގެ ބައިން މިއިވެންޓް ކާމިޔާބު ކުރީ ދިވެހި ސިފައިންގެ ކްލަބްގެ އާމިނަތު ނަޒްރާ އެވެ. އޭނާ ދުވުން ފުރިހަމަ ކުރީ ތިން މިނިޓް 6.2 ސިކުންތުންނެވެ.

ފިރިހެނުންގެ 200 މެރެތަން ދުވުމުން އެއް ވަނަ ހޯދީ 23.3 ސިކުންތުން ރޭސް ނިންމައިގެން ދިވެހި ސިފައިންގެ ކްލަބުގެ ހުސައިން އިނާސް އެވެ. އަދި އަންހެނުންގެ 200 މެރަތަން ދުވުމުން އެއް ވަނަ ހޯދީ 28.0 ސިކުންތުން ރޭސްނިންމައިގެން ދިވެހި ސިފައިންގެ ކްލަބްގެ އަފާ އިސްމާއީލް އެވެ.

ފިރިހެނުންގެ އަދި އަންހެން 400 މެރަތަން ރިލޭ ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބެވެ. ފިރިހެނުންގެ 400 މެރެތަން ރިލޭ ތިން މިނިޓް 46.3 ސިކުންތުން ނިންމި އިރު އަންހެން ޓީމް ރޭސް ނިންމާފައި ވަނީ ފަސް މިނިޓް 1.4ސިކުންތުންނެވެ.

ފިރިހެނުންގެ 10000 މެރެތަން ދުވުމުން އެއް ވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ ޝިފާޒް މުޙައްމަދު އެވެ.

މުބާރާތުގެ އިއްޔެގެ އިވެންޓްތަކާއެކު ފިރިހެނުންގެ ބައިން 77 ޕޮއިންޓާ އެކު އެއް ވަނައިގައި ވަނީ ދިވެހި ސިފައިންގެ ކްލަބެވެ. ފަންސާސް ދެ ޕޮއިންޓާ އެކު އަންހެނުންގެ ބައިން ވެސް އެއް ވަނަ ލިބެނީ ދިވެހި ސިފައިންގެ ކްލަބަށެވެ.

މިމުބާރާތުގުގެ އިވެންޓުތައް މިއަދު ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 ޖަހާއިރު އެވެ.