27 Apr 2013, 11:01
ހުސްވި ހަފްތާގެ އާދިއްތަ ދުވަހު އެންފީލްޑްގައި ލިވަޕޫލާއި ޗެލްސީ ބައްދަލު ކޮށް 2-2ން އެއްވަރުވި މެޗުގައި ޗެލްސީގެ ބްރަނިސްލަވް އިވަނޯވިޗްގެ އަތުގައި ދަތްއެޅުމުގެ ސަބަބުން ލިވަޕޫލުގެ ލުއިސް ސުއަރޭޒް އަށް ދެވުނު 10 މެޗުގެ ބޮޑު ސަސްޕެންޝަން ސުއަރޭޒް ގަބޫލުކޮށްފި އެވެ.
"ހަގީގަތުގައި ވެސް އަހަރެން ވަރަށް ބޮޑަށް މާފަށް އެދެން. އާދީއްތަ ދުވަހު އެންފީލްޑްގައި ހިނގި ހާދިސާއާ ގުޅިގެން އެންމެން އަހަންނަށް މައާފު ކުރާނޭ ކަމަށް އަހަރެން އުއްމީދުކުރަން،" 26 އަހަރުގެ ސުއަރޭޒް އޭނާގެ ޓްވިޓާގައި ލިޔެފައިވެ އެވެ.
ސުއަރޭޒް ބުނީ ބޮޑެތި އަނިޔާތައް ކުޅުންތެރިންނަށް ލިބޭ ހާލަތުގައި ވެސް ނާޅާ ފަދަ ހަރުކަށި ފިޔަވަޅެއް އޭނާއާ ދޭތެރޭގައި އަޅާފައިވީ ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކޮށްފި ނަމަ ނުބައި މާނައެއް ނެގުމުގެ ފުރުސަތު އޮވެދާނޭ ކަމަށެވެ.
ސުއަރޭޒަށް ދީފައިވާ އަދަބުގެ ސަބަބުން މި ސީޒަންގައި ލިވަޕޫލަށް ބާކީ ހުރި މެޗުތަކުގެ ތެރެއިން ނިއުކާސްލް، އެވަޓަން، ފުލަމް އަދި ކިޔުޕީއާރުއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ނުކުޅެވޭ އިރު ކުރިއަށް އޮތް 2014-2013ގެ ފުޓްބޯޅަ ސީޒަންގައި ވެސް ލިވަޕޫލް ކުޅެން ޖެހޭ ޑޮމެސްޓިކް ފުރަތަމަ ހަމެޗުގައި އޭނާއަށް ނުކުޅެވޭނެ އެވެ.
ދަނޑުމަތީގައި މާރާމާރީ ހިންގުމުގެ ކުށުގައި ތިންމެޗަށް ކުރި ސަސްޕެންޝަން ސުއަރޭޒް ވަނީ ކުރިން ގަބޫލު ކޮށްފައެވެ. އެހެން ނަމަވެސް އަނެއް ހަތްމެޗުގެ ސަސްޕެންޝަން އިސްތިއުނާފު ކުރުމުގެ ފުރުސަތު އޭނާއަށް އޮތެވެ.
"އިންގްލެންޑުގައި އަހަންނަށް ދިމާވަމުން މިދާ ކަންތައްތައް، ކުރިއަށް އޮތްތަނުގައި ދަނޑުމަތީގައި އަހަރެންގެ އަމަލުތައް ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ. މިހާރު އަހަރެން މަސައްކަތް ކުރަމުން މިގެންދަނީ ދަނޑުމަތީގައި ވެސް އަދި ދަނޑުންބޭރުގައި ވެސް ރަނގަޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވެވޭތޯ. އަހަރެންނާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަތައް ދެކެވި އަޑުތައް އަރައިފި. އެހެންވެ ދަނޑު މަތީގައި ރަނގަޅު ކުޅުންތެރިއަކަށް ވުމަށް އަހަރެން ގަދައަޅާ މަސައްކަތް ކުރާނަން،" ސުއަރޭޒް ބުންޏެވެ.
އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވެފައި ވަނީ ސުއަރޭޒްގެ އެ އަމަލަކީ ޒުވާން ކުޅުންތެރިންނަށް ދެއްކުނު ނުރަނގަޅު މިސާލެއް ކަމުގަ އެވެ. އަދި "މައްސަލަ ބަލާ ޕެނަލުން ރަނގަޅަށް ވިސްނައިފި ނަމަ ސުއަރޭޒްފަދަ ހައި-ޕްރޮފައިލް ކުޅުންތެރިންނަކީ އެހެން ކުޅުންތެރިންނަށް ނަމޫނާ ދައްކަން ޖެހޭ ކުޅުންތެރިން" ކަމަށް ކެމަރަން ވިދާޅުވެފައިވެ އެވެ.
ކެމަރަން އެގޮތަށް ވިދާޅުވެފައި ވަނީ އެފްއޭއިން ސުއަރޭޒްގެ ސަސްޕެންޝަން އިއުލާނު ކުރުމުގެ ކުރިން ކަމަށްވާތީ، އެމަނިކުފާނު އެހެން ވިދާޅުވުމުގެ ސަބަބުން ސުއަރޭޒްގެ މައްސަލަ ބެލި ޕެނަލްއަށް އޭގެ އަސަރު ކުރާނޭ ކަމަށާއި އަދި އެފަދަ ބޮޑު ސަސްޕެންޝަނެއް ދިނުމަށް ބާރު އެޅޭފަދަ ގޮތަކަށް ކެމަރަންގެ ވާހަކަފުޅު ހުރިކަމަށް ބުނެ ލިވަޕޫލުގެ ކޯޗު ބްރެންޑަން ރޮޖާ ވަނީ ފާޑު ކިޔާފައެވެ.
ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ދެކޭގޮތުގައިވެސް ސުއަރޭޒަށް ދެވިފައިވާ ސަސްޕެންޝަނަކީ އެފަދަ މައްސަލައަކާ ބަލާފައި ބޮޑު އަދަބެކެވެ.
އާދީއްތަ ދުވަހުގެ ހާދިސާއަށްފަހު އިވަނޯވިޗްގެ ކިބައިން މާފަށް އެދުނު ކަމަށާއި އަދި އިވަނޯވިޗް އޭނާއަށް މާފުކުރިކަމަށްބުނެ ސުއަރޭޒް ޓްވީޓް ކޮށްފައި ވެއެވެ. އަދި ލިވަޕޫލުން ވަނީ އެ މައްސަލައިގައި ސުއަރޭޒް ޖޫރިމަނާވެސް ކޮށްފައެވެ.