27 Apr 2013, 10:55
ހުޅުމާލޭގައި ކުދިންތަކާ އެކު އިއްޔެ ބާސްކެޓް ބޯޅަ ކުޅެން އުޅެނިކޮށް ބޮލުގައި ބޯޅައަކުން ޖެހިގެން ކޯމާ އަކަށް ދިޔަ މަޖީދިއްޔާ ސްކޫލް ދަރިވަރަށް ފަރުވާ ދިނުމަށް ސްރީލަންކާ އަށް ގެންގޮސް ރޭ އޮޕަރޭޝަންކޮށްފި އެވެ.
ސަން އަށް މިއަދު މައުލޫމާތު ދިން ޝާންގެ ބޭބެ، މުހައްމަދު ސަމީރު މިއަދު ބުނީ، މަޖީދިއްޔާ ސްކޫލްގެ ގްރޭޑް9ގައި ކިޔަވަމުން އަންނަ އަލީ ޝާން، 14، ރޭ ދަންވަރު އޮޕްރޭޝަން ކޮށްފައިވާ ކަމަށާއި އޭނާގެ ސިކުނޑިއަށް އެޅިފައި ހުރި ލޭ ނަގާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ބުނީ ޝާން އަދި ހޭ ނާރާ ކަމަށާއި އަދި ވެސް އޮތީ ކޯމާގައި ކަމަށެވެ.
"ރޭ ފަތިހު 4:30 ހާކަންހާއިރު އޮޕަރޭޝަންކޮށް ނިމުނީ. އަދި ހެޔެއް ނާރާ. އިތުރަކަށް ގޯހެއް ވެސް ނުވޭ." ސަމީރު ބުންޏެވެ.
ޝާން ލަންކާ އަށް ފޮނުވީ އައިޖީއެމްއެޗްގައި ފަރުވާއެއް ދެވެން ނެތިގެންނެވެ.
ޝާންގެ އާއިލާ އިން ބުނީ ބޯޅަ ޖެހުނީ ޝާންގެ ނޭފަތުގައި ކަމަށެވެ. އަދި ޝާން ހޮސްޕިޓަލާ ހަމައަށް ގެންދިޔައީ އެ ވަގުތު ތިބި ރައްޓެހިންނާ އެކު ކަމަށާއި ހޮސްޕިޓަލާ ކައިރިއަށް ދެވުނު ފަހުން ހޭނެތިގެން ވެއްޓުނު ގޮތަށް ހޭނާރާ ކަމަށެވެ.