27 Apr 2013, 10:10
ތޭވިސް ވަނަ ގައުމީ ކަސްރަތު މުބާރާތުގެ ފުރަތަމަ މެޑަލް ދިވެހި ސިފައިންގެ ކްލަބްގެ މުހައްމަދު ޝިފާޒް ހޯދައިފި އެވެ. ޝިފާޒް މެޑަލް ހޯދާފައި ވަނީ ފިރިހެނުންގެ 1500 މެރަތަން ދުވުން ހަތަރު މިނިޓް 24.5ސިކުންތުން ނިންމައިގެންނެވެ.
މުބާރާތުގައި ކުރިޔަށް ދިޔަ އިވެންޓްތަކުގެ ތެރެއިން ފިރިހެނުން "ޝޮޓްޕުޓް" އިވެންޓް 10.80މީޓަރަށް އެއްލައިގެން 1 ވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ޝަމްމޫނެވެ. އަންހެނުންގެ 1500 މެރެތަން ދުވުން ހަ މިނިޓް 57.3ސިކުންތުން ކާމިޔާބު ކުރީ ދިވެހި ސިފައިންގެ ކްލަބްގެ އާމިނަތު ނަޒްރާ އެވެ. ފިރިހެނުންގެ ހައިޖަމްޕް 1.65މީޓަރުން ހުރަސްކޮށް 1 ވަނަ ހޯދީ މޭޑް ރަނަސްގެ ހާޒިފް މުޙައްމަދު އެވެ. ފިރިހެނުންގެ ޑިސްކަސްތްރޯ އިވެންޓުން އެއް ވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ މޫސާ ފަޒްލީން އެވެ. އޭނާ ޑިސްކަސް އެއްލާފައި ވަނީ 30.18 މީޓަރަށެވެ.
ފިރިހެނުންގެ 400 މެރެތަން ދުވުން 51.8ސިކުންތުން ދިވެހި ސިފައިންގެ ކްލަބްގެ ޙުސައިން އިނާޝް ކާމިޔާބުރި އިރު އަންހެންބައިން މިއިވެންޓް ކާމިޔާބުކުރީ އެއް މިނިޓް 9.6ސިކުންތުން ރޭސް ނިންމި ދިވެހި ސިފައިންގެ ކްލަބްގެ އާމިނަތު ނަޒްރާ އެވެ.
ފިރިހެނުންގެ 5000 މެރެތަން ދުވުން ކާމިޔާބު ކުރީ ދިވެހި ސިފައިންގެ ކްލަބްގެ ޝިފާޒް މުޙައްމަދު އެވެ. އެއީ 17މިނިޓް 37.9 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަންހެނުންގެ 5000 މެރެތަން ދުވުން 26މިނިޓް 28.4 ސިކުންތުން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބްގެ މަރްޔަމް އިނާޔާ ފާރޫޤު އެވެ.
މުބާރާތުގެ ފުރަތަމަ ދުވަހުގެ އިވެންޓްތައް ނިމުނުއިރު 39 ޕޮއިންޓުން ފިރިހެނުންގެ ބައިން އެއް ވަނަ ހޯދާފައި ވަނީ ދިވެހި ސިފައިންގެ ކްލަބެވެ. އަދި 22 ޕޮއިންޓުން އަންހެނުންގެ ބައިންވެސް އެއް ވަނައިގައި އޮތީ ދިވެހި ސިފައިންގެ ކްލަބެވެ.