ނ. މިލަދޫން އިއްޔެ ކިނބުލެއް ފެނިފައިވާ ކަމަށާއި އެ ކިނބޫ މިހާރު ހިފާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން ރޭ ބުނީ ނ. މިލަދޫން ހިފާފައި ވަނީ ދިގުނިމުގައި ގާތްގަނޑަކަށް ފަސް ފޫޓް ފަސް އިންޗީގެ ކިނބުލެއް ކަމަށެވެ.

އެމްއެންޑިއެފުން ބުނީ މިލަދޫން އެ ކިނބޫ ފެނިގެން އުޅޭަމުގެ މައުލޫމާތް އެމްއެންޑީއެފް އަށް ދީފައި ވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 17:45 ހާއިރު ކަމަށާއި އެއިރުން ފެށިގެން އެމްއެންޑީއެފްއާއި މިލަދޫ ރައްޔިތުން ކުރި މަސައްކަތުން ކިނބޫ ހޯދާ ހިފިފައި ވަނީ ރޭ ގާތްގަނޑަކަށް 11:45 ހާއިރު ކަމަށެވެ. އަދި ކިނބޫ ފެނިފައި ވަނީ އެ ރަށު ގޮނޑުދޮށާއި ވީފަރާތުން 50 ފޫޓް އެއްގަމުން ކަމަށެވެ.

އެމްއެންޑީއެފްގެ އޮފިސަރަކު ވިދާޅުވީ އެކިބޫ މިހާރު އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓާޒް ޅ. މަޑިވަރަށް ގެންގޮސްފައިވާ ކަމަށެވެ.

މިލަދޫން ކިނބުލެއް ފެނިފައިވާ އިރު މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވަނީ މާލެ އަތޮޅު ހެލެނގެލި ރިޒޯޓުން ވެސް ކިނބުލެއް ފެނިފަ އެވެ. އަދި މިހާރު އެކިނބޫ ބާއްވާފައި ވަނީ އެމްއެންޑިއެފްގެ ބެލުމުގެ ދަށުގައި މާލެވިލިގިލީގަ އެވެ.