ވައިޓް ހައުސް (އެޕްރީލް 27): ސޫރިޔާ ސިފައިން އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަން ސާބިތުވެއްޖެ ނަމަ ސޫރިޔާއާބެހޭ ގޮތުން އެމެރިކާ މިހާރު ގެންގުޅޭ ސިޔާސަތު މުޅިން ބަދަލުކޮށްލައްވާނެ ކަމަށް ވިދާޅުވެ ރައީސް ބަރަކް އޮބާމާ ސޫރިޔާ ސަރުކާރަށް ހަރުކަށި އިންޒާރެއް ދެއްވައިފި އެވެ.

އެމެރިކާ އަށް މިހާރު ވަޑައިގެން އުޅުއްވާ އުރުދުންގެ ރަސްގެފާނު ޢަބްދުﷲ (ދެވަނަ) އާ ވައިޓް ހައުސްގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ސޫރިޔާ ސިފައިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ޝައްކުކުރެވޭފަދަ ދަލީލުތަކާއި ހެކިތައް އެބަހުރި ކަމަށާ އެމެރިކާގެ ޖާސޫސީ އެޖެންޓުން ސޫރިޔާގެ އެތެރެއިން މިހެކިތައް ހޯދާފައިވާ ކަމުގަ އެވެ. މިހެކިތަކާއި ދަލީލުތަކުގެ މައްޗަށް ބިނާކޮށް ޢިލްމީގޮތުން މިކަން ވަރަށް ފުރިހަމައަށް އެމެރިކާ ތަޙްޤީޤް ކުރާނެކަމަށާ މިތަޙްޤީޤްތަކުން ސޫރިޔާ ސިފައިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަން ސާބިތުވެއްޖެ ނަމަ މައްސަލަ ވަރަށް ގޯސްވާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ.

ސޫރިޔާގެ ސަރުކާރު ސިފައިންނާއި ހުޅަނގުން ތާއީދުކުރާ އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ އަހްލީ ހަނގުރާމައިގާ ސޫރިޔާ ސިފައިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް އެމެރިކާ އާއި އެމެރިކާގެ ނުފޫޒުގެ ދާއިރާގައިވާ ޔޫރަޕްގެ ބޮޑެތި ބާރުތަކުން ތުހުމަތު ކުރިނަމަވެސް މިކަން ސާބިތުކުރެވިފައެއް ނުވެ އެވެ. ހުޅަނގުގެ ތުހުމަތު ތަކަށް ރައްދު ދެއްވަމުން ސޫރިޔާގެ އިންފޮމޭޝަން މިނިސްޓަރު އިމްރާން އައްޒަޢަބީ ވިދާޅުވީ ކެމިކަލް ހަތިޔާރަކީ ސިއްރުން ބޭނުންކުރެވޭނެ އެއްޗެއް ނޫންކަމަށާ ކެމިކަލް ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ނޫނީ އެހަތިޔާރުގެ ސަބަބުން ޒަޚަމްވެފައިވާ މީހެއް އިދިކޮޅު ހަނގުރާމަވެރިންނަށް ވެސް އަދި ހުޅަނގުގެ ބާރުތަކަށް ވެސް ދެއްކިފައިނުވާ ކަމުގަ އެވެ.

ފަނާކުރަނިވި ހަތިޔާރާބެހޭ ގޮތުން ހުޅަނގުން މިހާތަނަށް ދައްކާފައިވާ އެއްވެސް ވާހަކައެއް ތެދުވެފައެއް ނުވެ އެވެ. ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ އެމެރިކާ ދެއްކި ހުރިހާ ވާހަތަކަކީ ދޮގުކަން ސާބިތުވުމާއި އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދާކަމަށްބުނެ ހުޅަނގުން ދައްކާވާހަކަތައް ވެސް ކޮޅެއްގައި ލައްވާނުލުމުގެ އިތުރުން ސޫރިޔާއިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަމަށް ބުނާ ހުޅަނގުގެ ޖާސޫސީ ރިޕޯޓްތަކުގެ ސައްޙަކަން ވެސް ސާބިތުކޮށް ދެވިފައިނުވާތީ ހުޅަނގުގެ ޖާސޫސީ ޤާބިލްކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވެ އެވެ.

ސޫރިޔާ ސިފައިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަން ސާބިތުވެއްޖެ ނަމަ ސޫރިޔާއާބެހޭގޮތުން އެމެރިކާ މިހާރު ގެންގުޅޭ ސިޔާސަތު އެއްކޮށް ބަދަލުކޮށްލައްވާނެ ކަމަށް ވިދާޅުވެ އޮބާމާ އިންޒާރު ދެއްވިނަމަވެސް ސޫރިޔާގެ މައްސަލާގައި ސިޔާސަތު ބަދަލުކޮށްގެން އެމެރިކާއަށް ޙާސިލްކުރެވޭނެ މާބޮޑު ފައިދާއެއް ނެތްކަމަށް މަސްރަޙް ދިރާސާ ކުރާފަރާތްތަކުން ދެކެއެވެ. (ނޫސްއެޖެންސީތައް)