27 Apr 2013, 09:02
އެމްޑީޕީގެ ވެރިކަން ނިމިގެންދާއިރު އައްޑޫގައި ވަޒީފާ ނެތް އެކަކުވެސް ނުހުންނާނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށް ދިޔަ އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީގެ މަސައްކަތް އެމްޑީޕީގެ ސަރުކާރުން ކުރާނެ ކަމަށާއި އައްޑޫ ސިޓީގެ އުފެއްދުންތެރިކަން ފަސް އަހަރު ދުވަހުގެ ތެރޭގައި ދެގުނައަށް މައްޗަށް ގެންގޮސްދޭނެ ކަމަށެވެ.
"އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ ފަސް އަހަރު ދުވަހުގެ ތެރޭގައި މިސިޓީގެ އުފެއްދުންތެރިކަން އަޅުގަނޑުމެން ދެގުނަ ކުރާނެ. މިތަނުގައި ވަޒީފާ ނެތް އެންމެ މީހަކުވެސް އިރާދަކުރެއްވިއްޔާ ނުހުންނާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރޭ އެންމެ ބޮޑަށް އަލިއަޅުއްވާލައްވާފައި ވަނީ އައްޑޫ ސިޓީގެ ތަރައްގީއާއި އިގުތިސާދީ ކަންކަމުގައި އެމްޑީޕީއިން ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކަށެވެ.
މިގޮތުން ވިދާޅުވީ އައްޑޫ އެއާޕޯޓު ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމައިދޭނެ ކަމަށާއި އައްޑޫގެ އެއާޕޯޓަށް ބައިނަލްއަގުވާމީ ބޯޓުތައް ޖެއްސުމުގެ ސިޔާސަތު ތަންފީޒުކުރަންވާނެ ކަމަށެވެ.
"ގަން އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހަދަން ޖެހޭނެ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަވަހަށް ކޮށް ނިންމާނަން. މިތަނުގައި މިއޮތް ބައިނަލްއަގުވާމީ އެއާޕޯޓަށް ބޯޓުފަހަރު އަނެއްކާވެސް ޖައްސާނެ ސިޔާސަތު އަޅުގަނޑުމެން ތަންފީޒުކުރާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އައްޑޫގައި 3000 އެނދުގެ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތައް ތަރައްގީކުރުމުގެ ސިޔާސަތު އެމްޑީޕީއިން ގެންގުޅޭ ކަމަށާއި އައްޑޫ ސިޓީއަކީ އަބަދުމެ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން ޓޫރިސްޓުން ޒިޔާރަތްކުރާ ތަރައްގީވެފައިވާ ތަރައްގީގެ ސިޓީއަކަށް ބަދަލުކޮށްލުމަކީ އެމްޑީޕީއަށް ކުރެވޭނެ ކަމެއް ކަމަށެވެ.
ވާހަކަފުޅު ނިންމާލަމުން ނަޝީދު ވިދާޅުވީ އެމްޑީޕިއިން ކެމްޕެއިންގައި ބޭނުންކުރާ އެއް ލަވަ ކަމަށްވާ "ގުލްޒާރުގައި ނަޔާ މަގޭ" އެ ލަވާގައި އެބުނާ ގުލްޒާރަކީ އައްޑޫ ސިޓީ ކަމަށެވެ.
"އަޅުގަނޑުމެން "ގުލްޒާރުގައި ނަޔާ މަގޭ، ނޫރާނީ މާ ފޮޅޭނެއޭ، ބުލްބުލްތަކާ ކޮކާތަކާ، ފަރިވާ އިރުން އުޅޭނެއޭ" މިދަންނަވަނީ އެގުލްޒާރު އަޅުގަނޑުމެންނަށް ސިފަކުރެވޭތީވެ. އެގުލްޒާރު އަޅުގަނޑުމެންނަށް އެނގޭތީވެ. އެއީ އައްޑޫކަން އަޅުގަނޑުމެންނަށް ކަށަވަރުވާތީވެ" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އައްޑޫގެ "އެއްބުރުން ބޮޑު ޖަލްސާ" ގައި ރޭ އެމްޑީޕީގެ އިސްވެރިން ބައިވެރިވެލައްވާފައިވެ އެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިސްވެރިން ރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި އެވެ.