26 Apr 2013, 20:16
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ލިބިދީފައި ވިއަސް، އަޅުގަނޑުމެންގެ ޒިންމާ ދެނެގަންނަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
މ. އަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މުލަކަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިނިވަންކަން ލިބެނީ ޙުދޫދެއްނެތި ނޫން ކަމަށާއި ތިމާއަށް ކަންތައް ކުރުމުގެ މިނިވަންކަން ލިބެނީ، އެހެން މީހުންގެ މިނިވަންކަމަށް އަރައިނުގަނެވޭނެ ހިސާބުގައި ކަމުގައި ކަމަށެވެ.
ރައީސް ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ވެސް ވަކި ޙައްދެއް އޮންނަ ކަމަށާއި އެކަން ދަސްކުރަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ޚާއްޞަކޮށް، އާ ޤާނޫނު އަސާސީން ލިބިފައި ވަނީ، ކިހާވަރެއްގެ މިނިވަންކަމެއްކަން ދެނެގަންނަން ޖެހޭ ކަމަށާއި މިނިވަން ޑިމޮކްރެޓިކް ދައުލަތެއް ގާއިމްކޮށް ބިނާކުރެވޭނީ، އެކަންކަމާ ދޭތެރޭގައި ޚާއްޞަކޮށް، ޒުވާނުންނާއި ކިޔަވާ ކުދިން ސަމާލުވެ، އެކަންކަން ދަސްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނޫސްވެރިކަމުގެ މިނިވަންކަން ވެސް ރާއްޖޭގައި މީގެކުރިން އެކަށީގެންވާ ގޮތަށް ލިބިދީފައި ނުވާކަން ބަޔާންކުރައްވަމުން، މިހާރު މީހަކު ފާޅުކުރާ ޚިޔާލަކުން އަދަބެއް ނުލިބޭނެ ކަމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ވެސް އާ ޤާނޫނު އަސާސީން ލިބިދީފައިވާ ޙައްޤެއް ކަމުގައި ވިދާޅުވި އެވެ. ޒަމާނުއްސުރެ ރާއްޖޭގައި ހިނގަމުން އައި ވެރިކަން ބަދަލުކޮށް، ޑިމޮކްރަސީ ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުގައި، ރާއްޖެ މިހާރު ދަތުރުކުރަމުން މިދަނީ، ޚާއްޞަކޮށް، ސިޔާސީގޮތުން އާދަޔާ ޚިލާފަށް ދަތި ދުވަސްވަރެއްގެ ތެރޭގައިކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައް ނުލިބި ލަސްވަމުންދާތީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ތިބީ ކެތްތެރިކަން ކުޑަވެފައި ކަމުގައި ވިދާޅުވި އެވެ. އަދި މިއީ ގައުމުގެ ކަންކަން ކުރިއަރުވައި، އިޞްލާޙު ކުރުމަށްޓަކައި ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ބައެއްގެ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިއަދުގެ ގާނޫނު އަސާސީ އޮތްގޮތުން، ރައްޔިތުންނަށް ލިބިދޭން ޖެހޭ ޚިދްމަތްތައް ލިބިދިނުމުގެ މަސްއޫލިއްޔަތަކީ، ރައީސުލްޖުމްހޫރިއްޔާގެ ކޮނޑުފުޅުގައި އެކަނި އެޅޭނެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ދައުލަތުގެ އެހެން މުއައްސަސާތަކުގެ މަސްއޫލިއްޔަތު ވެސް އެބަ އޮތް ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ތިން ބާރު ވަކިކުރެވިފައި އޮތް ނަމަވެސް، މިއަދު ސަރުކާރު ހިންގުމުގެ ބާރާއި ޤާނޫނު ހަދާ ބާރުން ބައެއް ފަހަރު އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުން ކުރުމުގެ ރޫޙު ފެނިގެންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އޭގެ ހުރިހާ ބުރަކަމެއް އިޙްސާސް ކުރަން މިޖެހެނީ، ރައްޔިތުންނަށް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މުލަކު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު، އެ ރަށު ސްކޫލްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަލްޓިޕަޕަސް ހޯލްގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވި އެވެ.