26 Apr 2013, 17:17
ސުޕްރީމް ކޯޓުން ވަކިގޮތެއް އަންގަންދެން ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމްތައް ޕްރޮސެސް ނުކުރުމަށް ނިންމާފައި އޮތްނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރައްވައިފިނަމަ އެފަދަ ފޯމު އިލެކްޝަންސް ކޮމިޝަނުން ޕްރޮސެސް ކުރަމުން ގެންދާ މައްސަލަ ފެންމަތިވެއްޖެ އެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޕާޓީ ބަދަލުކުރެއްވުމުން އެ ދެ ބޭފުޅުންގެ ފޯމް ޕްރޮސެސްކޮށް ޕާޓީ ބަދަލުވެއްޖެކަން މަޖިލީހަށް އަންގާފައިވާނެ ކަމަށެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ ބައެއް މާއްދާތަށް ބާތިލް ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތައް އުވިދާނެ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ދައުލަތުގެ މުއައްސަސާތަކަށާއި ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ މައްޗަށް އަންގައި އަމުރު ކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ މެދު އެ ކޯޓުން ވަކިގޮތެއް ނިންމަންދެން ސިޔާސީ ޕާޓީތަކުގެ ފޯމްތައް ޕްރޮސެސްކުރުން ހުއްޓާލާފައިވާ ކަމަށެވެ.
ނަމަވެސް އެ ނިންމުމާ ޚިލާފަށް ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފޯމްތައް ޕްރޮސެސް ކުރަމުން ގެންދަނީ ކޮން ގާނޫނަކުން ނުވަތަ ގަވާއިދަކުން ބާރުލިބިގެންތޯ ދެންނެވުމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް ވިދާޅުވީ އެ ގޮތަށް އަމަލު ކުރަމުން ގެންދަނީ ކޮމިޝަންގެ މެންބަރުން އެގޮތަށް ނިންމެވުމާ ގުޅިގެން ކަމަށެވެ.