26 Apr 2013, 15:18
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި) ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އިންތިއާ ގުޅޭ އެފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެ މައްސަލައާ ގުޅިގެން އިންތި މިއަދު ވިދާޅުވީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ފުލުސް އޮފީހުން ގުޅާފައިވާ ކަމަށެވެ. އަދި ފަސޭހަފުޅު ވަގުތެއްގައި ފުލުސް އޮފީހަށް ވަޑައިގަތުމަށް އަންގަވާފައިވާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ފުލުސް އޮފީހުން އޭނާ އަށް ގުޅީ ބުދަ ދުވަހު އައްޑުއަށް ފުރާވަޑައިގަތުމަށް ތައްޔާރު ވަނިކޮށް ކަމަށާއި އަދި އެހެންވެ ފުލުސް އޮފީހަށް އަދި ވަޑައިގެންނެވިފައިނުވާ ކަމަށެވެ.
"އަޅުގަނޑަކީ ކޯޓު ހުރުމުގެ ނެގެހެއްޓުމަށް މަސައްކަތް ކުރާނެ މީހެއް. ޝަރުއީ ނިޒާމްގައި މަސައްކަތް ކުރި އެ ދާއިރާ ދެކެ ނުހަނު ލޯބިވާ މީހެއް. އަޅުގަނޑުމެން ރައްޔިތުން އިންތިޚާބުކޮށްފައި މުސާރަ ދީފައި މިތިބެނީ ކޯޓުތައް ފަދަ އެހެން އިންސްޓިޓިއުޝަންތަކުގެ ފޯލްޓް [ކުށް] ހޯދާއި ފާޑުކިޔާއި އެކަންކަން ރަނަގޅު ކުރުވަން. އެފަދަ ބައެއްގެ އަނގަ ބަންދުކުރުމަށް މަސައްކަތް ކޮށްގެން ނުވާނެ،" އިންތި ވިދާޅުވި އެވެ.