26 Apr 2013, 14:14
މޮސްކޯ (އެޕްރީލް 26): ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަ ނަފްސާނީ ބަލިމީހުންގެ ހޮސްޕިޓަލެއްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ޙާދިސާއެއްގައި 38 މީހަކު މަރުވެ އެތަށްބަޔަކު ފިހިގެން ޒަޚަމްވެއްޖެ އެވެ.
ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި އަލިފާނުގެ ޙާދިސާ ހިނގީ މޮސްކޯގެ ރާމިންސްކީ އަވަށުގައި ހުންނަ 14 ނަންބަރު ހޮސްޕިޓަލުގަ އެވެ. މިއީ ނަފްސާނީ ބަލި މީހުންނަށް ފަރުވާދިނުމަށް ޚާއްސަ ހޮސްޕިޓަލެކެވެ. އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ ކަރަންޓް ޝޯޓެއް ކަމަށް ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވި އެވެ.
މިޙާދިސާގައި މަރުވި ގިނަ މީހުންނަކީ މިހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ ނަފްސާނީ ބަލި މީހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަލިފާނުގެ އެ ހާދިސާގައި އެންމެ ބޮޑުގެއްލުމެއް ލިބިފައި ވަނީ ނަފްސާނީ ގޮތުން އެންމެ ނުރައްކާތެރި ޙާލަތްތަކަށް ގޮސްފައިވާ ބަލިމީހުން ތިބޭ ބައަށް ކަމަށްވެ އެވެ. ނަމަވެސް އަލިފާނުގެ ޙާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ނިއްވާލެވިފައިވާތީ ހަލާކުވެފައި ވަނީ ހޮސްޕިޓަލުގެ ބައެއް ކަމަށާްި ހޮސްޕިޓަލުގެ ބޮޑުބައަށް ގެއްލުން ނުލިބޭ ކަމަށް ރަޝިޔާގެ ނޫސްއެޖެންސީތައް ބުނެ އެވެ. މި ހޮސްޕިޓަލުގައި ނަފްސާނީ ބަލިމީހުންގެ 41 މީހަކު އެނދުމަތި ކޮށްފައިވާ ކަމަށް ޚަބަރު ލިބެ އެވެ. (ރަޝިޔާގެ މީޑިޔާ)