މާފަންނު ގެއެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާ އެކު ފުލުހުން ބަޔަކު ހައްޔަރުކޮށްފި އެވެ.


މާފަންނު ސަރަހާ ކުރިމަތިން މިލިއަން ބުކްޝޮޕް ކައިރީ ހުންނަ އެގެ ފުލުހުން ބަލައި ފާސްކޮށްފައި ވަނީ ރޭ ގާތްގަނޑަކަށް 8 ޖަހާކަންހާއިރު އެ ސަރަހައްދު ބަންދުކޮށްގެންނެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި ޙާއްސަ އޮޕަރޭޝަނެއްގައި ކަމަށާއި އެ މީހުންނާ އެކު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ބަނގުރާ ކަމެއް ފުލުހުންގެ އޮފިޝަލް ވިދާޅެއްނުވެ އެވެ.


ފުލުހުންގެ އޮފިޝަލް ވިދާޅުވީ ހައްޔަރުކޮށްފައިވާ އެ މީހުންނަކީ މިހާރު ވެސް ފުލުހުން ތަހްޤީޤްކުރަމުން އަންނަ މައްސަލައަކާ ގުޅުން ހުރި ބައެއް ކަމަށެވެ.


ގާތްގަނޑަކަށް ހަތަރު ގަޑިއެއްހާ އިރު އެގެ ހުންނަ ސަރަހައްދު ބަންދުކޮށްގެން ފުލުހުން ހިންގި އެ އޮޕަރޭޝަންގައި އެގެ ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އެއީ ކޮން ގެއެއް ކަމެއް އަދި އަތުލައިގަނެފައި ވަނީ ކިތައް މީހުން ކަމެއް ފުލުހުންގެ އޮފިޝަލް ވިދާޅެއްނުވެ އެވެ.


ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރޭ ހިންގި އެ އޮޕަރޭޝަންގައި އެގޭ ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ބައެއް ތަކެއްޗާއި ބަނގުރާ ފުޅިތަކަކާ އެކު ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.