ހުޅުމާލޭގައި ރައްޓެހި ކުދިންތަކާ އެކު މިއަދު ހެނދުނު ބާސްކެޓް ބޯޅަ ކުޅެން އުޅެނިކޮށް މަޖީދިއްޔާ ސްކޫލް ދަރިވަރެއްގެ ބޮލުގައި ބޯޅައަކުން ޖެހި ކޯމާއަށް ހިނގައްޖެ އެވެ.

ބޮލުގައި ބޯޅައިން ޖެހި ކޯމާ އަކަށް ދިޔައީ، މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 9ގައި ކިޔަވަމުން އަންނަ އަލީ ޝާން،14، އެވެ.

ޝާންގެ އާއިލާ އިން މިއަދު ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އެ ކުއްޖާ އަށް އެތަނުން އެކަށީގެންވާ ފަރުވާއެއް ދެވެން ނެތިގެން ސްރީލަންކާ އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީީ އައިޖީއެމް ހޮސްޕިޓަލުން ސީޓީ ސްކޭންއެއް، އެމްއާރުއައިއެއް ވެސް ހެދެން ނެތިގެން މިހާރު އޮތީ އެއްވެސް ފަރުވާއެއް ނުދެވި ވެންޓިލޭޓާގެ އެހީގައި ބާއްވާފައި ކަމަށެވެ.

ނަމަވެސް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބް ވިދާޅުވީ އެ ފިރިހެން ކުއްޖާ އަށް އިމަޖެންސީ ރޫމްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި މިހާރު ތައްޔާރުވަނީ އެކުއްޖާ ރާއްޖެ އިން ބޭރަށް ފުރުވާލުމުގެ ކަންތައް ކަމަށެވެ. ނަމަވެސް އިމަޖެންސީ ރޫމްގައި ދެނީ ކޮން ފަރުވާއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޝާންގެ އާއިލާ އިން ބުނީ ބޯޅަ ޖެހުނީ ޝާންގެ ނޭފަތުގައި ކަމަށެވެ. އަދި ޝާން ހޮސްޕިޓަލާ ހަމައަށް ގެންދިޔައީ އެ ވަގުތު ތިބި ރައްޓެހިންނާ އެކު ކަމަށާއި ހޮސްޕިޓަލާ ކައިރިއަށް ދެވުނު ފަހުން ހޭނެތިގެން ވެއްޓުނު ގޮތަށް އަދިވެސް ހޭނާރާ ކަމަށެވެ.