ޓެލްއަވީވް (އެޕްރީލް 26): ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ޖާސޫސުކުރުމަށް ޓަކައި ޕައިލެޓަކާނުލާ ދަތުރުކުރާ ޖާސޫސީ މަތިންދާބޯޓެއް ފޮނުވިކަމަށާއި ނަމަވެސް އެބޯޓު ވައްޓާލައިފި ކަމަށްއިސްރާއީލުން ބުނެފި އެވެ.

އިސްރާއީލުން ބުނީ ހިޒްބުﷲ އިން އިސްރާއީލަށް ޖާސޫސުކުރުމަށް ޓަކައި ޕައިލެޓަކާނުލާ ދަތުރުކުރާ މަތިންދާބޯޓެއް ފޮނުވި ކަމަށާ ނަމަވެސް އިސްރާއީލުގެ އުތުރުގެ ހައިފާ ސަރަޙައްދުގެ ކައިރިއަށް (ކަނޑަށް) އެބޯޓު އިއްޔެ ވައްޓާލާފައިވާނެ ކަމުގައެވެ.

"ލުބްނާނުގެ ސަރަހައްދުގެ ތެރެއިން އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވަންނަމުންދިޔަ ޑްރޯން ޖާސޫސީ މަތިންދާޓެއް އިސްރާއީލުގެ ވައިގެ ދިފާޢީ ބާރުތަކުން އިއްޔެ ވައްޓާލާފައިވޭ"އިސްރާއީލުގެ ދިފާޢި ވަޒީރުގެ ނައިބު ދާނީ ދަނޫން ވިދާޅުވި އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ ހިޒްބުﷲ އިން ޒަމާނީ ޓެކްނޮލޮޖީ އާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން އިސްރާއީލަށް ޖާސޫސުކުރަން މަސައްކަތްކުރުމަކީ އިސްރާއީލުގެ އަމްނާއި ސަލާމަތަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ސިފަކުރައްވާފަ އެވެ. ހިޒްބުﷲ އިން އިސްރާއީލަށް ޖާސޫސުކުރުމަށް ފޮނުވި ޑްރޯން މަތިންދާބޯޓަކީ އީރާނުގައި އުފައްދާފައިވާ ބޯޓެއް ކަމަށް ބެލެވޭކަމަށް އިސްރާއީލުގެ ސިފައިން ނެރުނު ޢަސްކަރީ ބަޔާނެއް ބުނެ އެވެ.

އިސްރާއީލުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލުބްނާނުގެ ސަރަހައްދުގެ ތެރެއިން އިސްރާއީލަށް ވަންނަމުންދިޔަ ޑްރޯން މަތިންދާބޯޓެއް އިއްޔެގެ ވަގުތެއްގައި ވައްޓާލާފައިވާ ކަމަށާއި މިއީ އީރާނުގައި އުފައްދާފައިވާ ޑްރޯން އެއްކަމަށް ބެލެވޭކަމުގަ އެވެ.

ހިޒްބުﷲ އިން ވަނީ ޕައިލެޓަކާނުލައި ދަތުރުކުރާ ޖާސޫސީ މަތިންދާބޯޓެއް އިސްރާއީލަށް ފޮނުވާފައިނުވާނެ ކަމަށް ބުނެ އިސްރާއީލުގެ މިވަހަކަތަކަށް އިންކާރުކޮށްފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް ހިޒްބުﷲ އިން އިސްރާއީލަށް ޖާސޫސީ ޑްރޯން މަތިންދާބޯޓެއް ފޮނުވި ކަމަށާއި އެ ބޯޓު ވެސް ވައްޓާލާފައިވާކަން އިސްރާއީލުން ވަނީ ހާމަކޮށްފަ އެވެ. ހިޒްބުﷲ އިންވެސް ވަނީ އެ ދުވަސްވަރު އިސްރާއީލަށް ޖާސޫސީ މަތިންދާބޯޓެއް ފޮނުވިކަމަށް އިޢްތިރާފް ވެފަ އެވެ.

2005 ވަނަ އަހަރު ހިޒްބުﷲ އާ ދެކޮޅަށް އިސްރާއީލުން ކުރިހަނގުރާމައިގާ ހިޒްބުﷲ އިންވަނީ އިސްރާއީލުގެ ވައިގެ ސަރަހައްދަށް ޑްރޯން މަތިންދާބޯޓްތައް ފޮނުވައިގެން އިސްރާއީލުގެ ޙައްސާސީ މަރުކަޒުތައް ބަލައި ޖާސޫސު ކުރުމުގައި ކާމިޔާބު ހޯދާފަ އެވެ. އެހަނގުރާމައިގާ ހިޒްބުﷲ ވަނީ އިސްރާއީލުގެ އަނިޔާވެރި އިސްތިޢްމާރީ ބާރުތަކުގެ މައްޗަށް ނަސްރު ހޯދާފަ އެވެ. މިޢީ ޢަރަބި އިސްރާއީލުގެ ހަނގުރާމައެއްގައި އިސްރާއީލު ބަލިވި ފުރަތަމަ ފަހަރެވެ. އެއަށް ފަހު ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާއަތުން ވެސް ވަނީ 2009 ގައާއި 2012 ގައި އިސްރާއީލު ފެށި ދެ ހަނގުރާމާގައި ވެސް އިސްރާއީލުގެ މައްޗަށް ބަޔާންވެގެންވާ ނަސްރެއް ހޯދާފަ އެވެ. (ނޫސްއެޖެންސީތައް)