ދޯންޏެއްގެ ބުރަފަތީގައި އޮޅުނު ކަންވާރެއް ނައްޓަން މޫދަށް ފައިބައި އުޅެނިކޮށް ބުރަފަތީގައި ޖެހި ޒަޚަމްވި ޒުވާނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އާއިލާ އިން ބުނެފި އެވެ.

ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ހަށިގަނޑުގެ ގިނަ ތަންތަނެއް ކަފައިގެން ދިޔަ ދ. މީދޫ، ކުދިމާގެ، ނައުފް އިބްރާހީމް 18،ފަރުވާ ދޭންޖެހޭ ވަރަށް އައިޖީއެމްއެޗުން ފަރުވާ ނުދެވިގެން، މިހާރު ސްރީލަންކާގައި ފަރުވާ ހޯދަމުން އަންނަ ނައުފުގެ ބޮލަށް އެޅިފައިވާ ލޭތައް އެއްކޮށް ސާފުކޮށްފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. އަދި ޑޮކްޓަރުން އަވަސް އަވަހަށް ނައުފްގެ ހާލު ބަލަން ބޭނުންވާތީ އަދި އެއްކޮށް ބޮލުގެ ނާށިގަނޑުނުގުޅާ ކަމަށް ވެސް ނައުފްގެ ބޭބެ ބުންޏެވެ.

ނައުފްގެ ބޭބެ ބުނީ ކޮއްކޮ އަށް އަދި ވާހަކަ ނުދެއްކޭ ކަމަށާއި އަދި އެއްކޮށް ހޭނަރުވާ ކަމަށެވެ. ނަމަވެސް ކޮންމެ ވެސް ވަރަކަށް މިހާރު މީހުން ދައްކާ ވާހަކަ މިހާރު އެނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ހާދިސާ ހިނގާފައި ވަނީ މީދޫ'މަޝްހޫރު' ދޯނި މަހަށް ނުކުމެ އުޅެނިކޮށް ބުރަފަތީގައި ކަންވާރެއް އޮޅިގެން އެ ކަންވާރު ނައްޓަން މޫދަށް ފައިބައި އުޅެނިކޮށް ބުރަފަތީގައި ނައުފްގެ ބޯ ޖެހިގެނެވެ. އަދި ނައުފްގެ ބޯ ބުރަފަތީގައި ޖެހެން މެދުވެރިވީ ދޯނީގެ ކެޕްޓަން ފާހާނާ އަށް ވަތް ގަޑީ އެހެން މީހަކަށް "ނޭނގިގެން" ދޯނި ފަހަތަށް ޖަހަންވެގެން ގިޔަރު ކަނޑާލި ވަގުތުގައި ކަމަށް އާއިލާ އިން ބުންޏެވެ.