އުމުރުން ދުވަސްވީ މީހަކަށް ހަމަލަދީ މާރާމަރީ ހިންގި ކަމުގެ ތުހުމަތުގައި ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު ހައްޔަރުކޮށްފި އެވެ.

ކަނޑުހުޅުދޫ ކައުންސިލުން ވެސް ވަނީ މާރާމާރީގެ މައްސަލައެއްގައި އެ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު ހައްޔަރުކުރިކަން ކަށަވަރުކޮށްދީފަ އެވެ.

ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު ހިންގި މާރާމާރީއަކާ ގުޅިގެން ކަނޑުހުޅުދޫން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކަނޑުހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ އެމާރާމާރީ ހިނގީ އުމުރުން 65 އަހަރުގެ މީހަކު ނަމާދަށް ދިޔަ މަގުމަތީ އަށްޓެއްމަތީ އިށީންދެ އިން ނުކުޅެދޭ އަންހެނަކާ ސަމާސާ ކުރުމުގެ ގޮތުން އެ ކުއްޖާ އަޅައިގެން ހުރި ބުރުގަލަށް ދަމާލުމަށްފަހު ހާދަރީއްޗޭ ބުނުމުން ކަމަށެވެ. އެ އަންހެން މީހާއަކީ ރިފާއު ރަޝީދުގެ ބައްޕައާ އެއްބަނޑު މީހެއް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އަދި އުމުރުން ދުވަސްވީ މީހާއަކީ ރަށުގެ މީހުންނާ ސާމާސާކޮށް ހަދާމީހެއް ކަމަށް ވެސް ކަނޑުހުޅުދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެރަށުން ސަން އަށް މައުލޫމާތު ދިން މީހާ ބުނީ 65 އަހަރުގެ މީހާ ޖޯއްޔެއްގައި އޮށޯވެގެން އޮއްވައި ކައުންސިލްގެ ރައީސް ގުރޫޕެއް ގޮވައިގެންގޮސް އެމީހާއަށް ހަމަލާދިނީ ކަމަށާއި އަދި އެ މީހާއަށް ހަމަލާދިނުމާއި ގުޅިގެން ސިއްހީމަރުކަޒުގައި އޭނާއަށް ފަރުވާ ވެސް ދީފައިވާ ކަމަށެވެ.