26 Apr 2013, 09:47
ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ފޭރާން ވިޔާ ކާރުޚާނާއަކާއި ފިހާރަތައް ހުންނަ އިމާރާތެއް ވެއްޓުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ބަންގްލަދޭޝްގެ ރައީސް އަބްދުލްޙާމިދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ބަންގްލަދޭޝްގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، މި ހާދިސާގައި ޒަޚަމްވި މީހުންނަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.