26 Apr 2013, 08:08
ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ބިލަކީ "އިސްލާމް ދީން ފުނޑުފުނޑުކޮށްލުމަށް ބިނާކޮށްފައިވާ ބިލެއް" ކަމަށް ވިދާޅުވެ، ހަގީގަތް އޮޅޭ ގޮތަށް ދަރުސްދެއްވި ކަމަށް ބުނާ މައްސަލާގައި ޢަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން ގާނޫނުލް އުގޫބާތު ކޮމެޓީއަށް ހާޒިރު ކުރާން ނިންމައިފި އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އިޝާނަމާދަށްފަހު ފުރުގާން މިސްކިތުގައި ދެއްވި ދަރުހެއްގައި
ހަގީގަތް އޮޅޭ ގޮތަށް ދަރުސްދެއްވި ކަމަށް ބުނާ މައްސަލައިގައި އިލްޔާސް ކޮމެޓީއަށް ހާޒިރު ކުރާން ނިންމީ އިއްޔެ ބޭއްވި ގާނޫނުލް އުގޫބާތު ކޮމެޓީގައެވެ. އިލްޔާސް ކޮމެޓީއަށް ހާޒިރު ކުރުމަށް އެދިވަޑައިގެންނެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދެވެ.
ނާޒިމް ރަޝާދު ވިދާޅުވީ ކަމުގެ ހަގީގަތް ނުބައްލަވައި އިލްޔާސް ދަރުސްދެއްވާފައި ވާތީ، ކަން އޮތް ގޮތް އޭނާއަށް ސާފު ކޮށްދޭންޖެހޭ ކަމަށެވެ. އެގޮތުން އިސްލާމްދީނުގެ އަސްލުތަކާއި ހައްދުތައް ގާއިމް ކުރުމަށް ގާނޫނުލް އުގޫބާތު ބާރުއަޅާކަން އިލްޔާސަށް އޮޅުންފިލުވައިދޭންޖެހޭނެ ކަމަށް ނާޒިމް ރަޝާދު ވިދާޅުވި އެވެ.
ކޮމެޓީގެ މުގައްރިރު ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވާ ގާނޫނުލް އުގޫބާތު ކޮމެޓީއަށް އިލްޔާސް ހާޒިރު ކުރައްވާނެ ކަމަށެވެ. އަދި ނާޒިމް ރަޝާދު އެދިވަޑައިގެންނެވި ގޮތަށް ދީނުގައިވާ ހައްދުތައް ގާއިމް ކުރުމަށް ގާނޫނުލް އުގޫބާތު ބާރުއަޅާ މިންވަރު އިލްޔާސަށް ސާފުކޮށްދެއްވާނެ ކަމަށް ހަމްޒާ ވިދާޅުވި އެވެ.
"އިސްލާމީ ޝަރީޢަތުގެ މަގުސަދު"ގެ ނަމުގައި ދެއްވި ދަރުހުގައި ގާނޫނުލް އުގޫބާތުގެ ބިލަކީ އިސްލާމްދީން ފުނޑުފުނޑުކޮށްލުމަށް ހަދާފައިވާ ބިލެއް ކަމަށް އިލްޔާސް ހުވާ ކުރައްވައިފައިވެ އެވެ. "އެ ގާނޫނަކީ އަޅުގަނޑު ބެލިބެލުމުގައި، އަޅުގަނޑު ކެރިހުރެގެން މިސްކިތުގައި [ފުރުގާން މިސްކިތުގައި] ހުރެ، ﷲ ގަންދީ ހުވާކޮށް މި ބުނަނީ އެ ގާނޫނަކީ މުޅި އިސްލާމްދީން ފުނޑުފުނޑުކޮށްލުމަށް ބިނާކޮށްފައިވާ ގާނޫނެއް. ކެރިހުރެގެން މި ދަންނަވަނީ ގާނޫނީ ވަކީލުން ހުރިހާ އެންމެން އެއްފަރާތަކަށް އަންނަންވީ އަޅުގަނޑު އެކަނިމާއެކަނި ވެސް ތެދުވެ [އެއާ ދެކޮޅަށް ވަކާލާތު ކުރަން] މި ހުރީ ތައްޔާރަށް،" އިލްޔާސް ވިދާޅުވި އެވެ.
އަދި ވިދާޅުވި އެވެ. "އިސްލާމް ދީނުގެ އެއްވެސް ހުކުމެއް ނޯންނާނެ. [ގާނޫނުލް އުގޫބާތުގެ ޑްރާފްޓްގައި] ޒިނޭއެއް ނެތް. ވައްކަމެއް ނެތް. ހިޔާނާތެއް ނެތް. މަކަރާއި ހީލަތެއް ނެތް. މަގު ފޭރުމެއް ނެތް. އެއްވެސް ކަމެއް ނެތް. އަދި މަސްތުވެގެން ހުރެ، މިއިން އެއްވެސް ކަމެއްކޮށްފި ނަމަ އެ މީހާ އިސްތިސްނާވާނެ. 18 އަހަރު ނުފުރޭ ކުއްޖަކު [ކުށެއް] ކޮށްފި ނަމަ އެވެސް އިސްތިސްނާވާނެ،"
ގާނޫނުލް އުގޫބާތު ކޮމެޓީން އެކުލަވާލި ޑްރާފްޓަށް އިލްޔާސާއި ފިގުހު އެކަޑަމީގެ މެންބަރުންގެ އިތުރުން ޖަމިއްޔަތުއްސަލަފުން ވެސް ވަނީ ފާޑު ކިޔައިފައެވެ.
އެ ޑްރާފްޓަށް ދީނީ އިލްމުވެރިންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ގާނޫނުލް އުގޫބާތު ކޮމެޓީން ވަނީ ކީރިތި ގުރުއާނުގައިވާ ހައްދުތައް ގާއިމް ކުރުމަށް ލާޒިމްވާ ގޮތަށް އެ ބިލަށް މާއްދާއެއް އިތުރުކޮށްފަ އެވެ. އެ މާއްދާގައި ބުނަނީ ގުރުއާނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ސާބިތުވެއްޖެނަމަ ގުރުއާނުގައި ކަނޑައެޅިފައިވާ ހައްދު އެ މީހެއްގެ މައްޗަށް ގާއިމް ކުރަންވާނެ ކަމަށެވެ.
ކޮމެޓީގެ މެންބަރުން ވިދާޅުވީ އެ މާއްދާ އެގޮތަށް އޮތުމުން އިސްލާމީ ޝަރީއަތުގައި އަތް ކަނޑާން ޖެހޭ ފަދަ ވައްކަމެއް ކޮށްފި މީހެއްގެ އަތް ކަނޑާން ހުކުމް ކުރުމުގެ އިހްތިޔާރު ޝަރީއަތްކުރާ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.