ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ސުވިޒަލެންޑްގެ އެފްސީ ބާސެލްއާއި އިންގްލެންޑުގެ ޗެލްސީ ބައްދަލު ކުރި މެޗުގެ ފަހުހާފުގެ އިތުރުވަގުތުގެ ފަހު ސިކުންތު ކޮޅުތެރޭގައި ހިލޭޖެހުމަކުން ޑޭވިޑް ލުއިޒް ޖަހައިދިން ލަނޑުން 1-2ން ޗެލްސީ ބާސެލްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ސްވިޒަލޭންޑުގެ ބާސެލްގައި ކުޅުނު މެޗުގައި ފުރަތަމަ ފަހަރަށް ކުރިހޯދީވެސް ޗެލްސީއެވެ. ފްރެންކް ލަމްޕާޑު ނަގައިދިން ކޯނަރަކުން ޗެލްސީގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވިކްޓާ މޮސެސްއެވެ. އަދި ލަނޑު ޖަހާނޭ ފުރުސަތުތަކެއް ދެ ޓީމަށް ލިބުނު ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ އެކެއް ސުމަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެ ކުލަބުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ނަތީޖާ ބާސެލްއަށް ހަަމަހަމަ ކޮށްދިނީ މެޗުގެ 87 ވަނަ މިނިޓުގައި އެކުލަބަށް ލިބުނު ޕެނަލްޓީއަކުން ފަބިއާން ޝާރުއެވެ. ބާސެލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުން، ޗެލްސީގެ ކުޅުންތެރިން އިތުރު ހިތްވަރަކާ އެކު ލަނޑެއް ޖެހުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ފަހުހާފުގެ އިތުރު ވަގުތުގެ ފަހު ވަގުތު ކޮޅުތެރޭގައި ބާސެލްގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ޗެލްސީއަށް ލިބުނު ހިލޭޖެހުމެއް ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެން ޑޭވިޑް ލުއިޒް ޗެލްސީއަށް މެޗު ކާމިޔާބު ކޮށްދިނުމެވެ.

ބާސެލްގެ ގާތްގަނޑަކަށް 36000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފޯރިގަދަ މެޗުގައި އެކުލަބުން ޗެލްސީގެ ގޯލަށް 13 ހަމަލާ ފޮނުވާފައިވާއިރު އޭގެތެރެއިން ގޯލަށް އަމާޒުވީ އެންމެ ތިން ހަމަލާއެވެ. ޗެލްސީއިން ވަނީ ބާސެލްގެ ގޯލަށް 16 ހަމަލާ ފޮނުވާލައި އޭގެތެރެއިން ނުވަ ހަމަލާ ގޯލަށް އަމާޒުކޮށް ދެ ހަމަލާ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

ބާސެލްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު އެ މެޗުން މޮޅުވުމުން ޗެލްސީއަށް މިހާރު ވަނީ ފައިނަލަށް ދިއުމުގެ މަގު ވަރަށް ބޮޑަށް ތަަވަސް ވެފައެވެ. އަދި ހަމަ އެހެންމެ އެންމެ ފަހުގެ ޔޫރަޕިއަން ޗެމްޕިއަން އަށް މިފަހަރުގެ ޔޫރޮޕާ ލީގު ހޯދިއްޖެނަމަ އެޓީމު ވެގެން ދާނީ ޔޫރަޕްގެ އެންމެ ބޮޑު ދެ މުބާރާތް ޖެހިޖެހިގެން ކާމިޔާބު ކުރާ ފުރަތަމަ ޓީމަށެވެ.

ޔޫރޮޕާ ލީގުގެ ސެމީފައިނަލުގެ އަނެއް މެޗުގައި ތުރުކީގެ ފެނަބާޗޭއާއި ޕޯޗުގީޒުގެ ބެންފިކާ ބައްދަލު ކުރިމެޗު ހަނި ގޮތަކަށް އެކެއް ސުމަކުން ކާމިޔާބު ކުރީ ފެނަބާޗޭއެވެ. އިސްތަންބޫލުގައި ކުޅުނު އެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު އެކުލަބަށް ކާމިޔާބު ކޮށްދިނީ މެޗުގެ 72 ވަނަ މިނިޓުގައި އެޖެމަން ކޯކްމާޒްއެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ ކުޅުން އޮންނާނީ އަންނަ މަހުގެ ދޭއްގައެވެ. އެއް މެޗު ޗެލްސީގެ އަމިއްލަ ދަނޑުގައި ބާސެލްއާ ދެކޮޅަށް ކުޅޭއިރު، ބެންފިކާއާ ފެނަބާޗޭ ކުޅޭ މެޗު އޮންނާނީ ބެންފިކާގެ އަމިއްލަ ދަނޑުގައެވެ.