26 Apr 2013, 00:08
ކޮންމެ ރަށެއްގައިވެސް އިންތިޚާބުގެ ފޯރި ހިފަމުންދާއިރު، ރަށުގެ ސަލާމަތާއި ހަމަޖެހުމުގެ މައްޗަށް ރައްޔިތުން ސަމާލުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިލްތިމާސް ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދު މިކަމަށް އިލްތިމާސް ކުރެއްވީ، އެމަނިކުފާނު މ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި މުއްޔަށް ވަޑައިގެން، މުލީ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންތިޚާބުގެ ދުވަސްވަރު ވާދަވެރި ވާހަކަތައް އިވި، ތަފާތު ކުލަކުލަ ފެނި، ތަފާތު އަޑުތައް އުފުލަމުންދާނެ ކަމަށާއި، އެހެން ނަމަވެސް، ރަށްރަށުގައި ހަމަނުޖެހުން އުފެދި، ރައްޔިތުންނަށް އާދައިގެ ދިރިއުޅުމެއް ނޫޅެވޭވަރަށް ކަންތައްތައް ގެންގޮސްގެން ނުވާނެ ކަމުގައި ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.
ސިޔާސީގޮތުންނާއި، އިގުތިސާދީ ގޮތުންނާއި، އިޖްތިމާއީ ގޮތުން ގައުމު މިހާރު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިވޭތުވެދިޔަ ދެތިން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފެނިގެންދިޔައީ އާދަޔާ ޚިލާފު މަންޒަރުތަކެއް ކަމަށެވެ. އަދި ވޭތުވެގެންދިޔައީ އަޑިގުޑަން ދުވަސްތަކެއް ކަމަށްވިޔަސް، ވަރަށް ހިތްވަރާއެކު މަސައްކަތް ކޮށްގެން، ކޮންމެވެސްވަރެއްގެ އަމާންކަމެއް މިހާރު ލިބިފައިވާ ކަމަށާއި، އެހެން ނަމަވެސް، ގައުމުގެ ސިޔާސީ މަސްރަހު އޮތްގޮތުން، އަނެއްކާވެސް އަޑިގުޑަން ދުވަސްތަކަކާ ކުރިމަތިލާން ޖެހުމަކީ ހަމަ ވެދާނެ ކަމެއް ކަމަށް ވިދާޅުވެ، އެކަމަށް ސަމާލުވެ، ހޭލުންތެރިވެ ތިބުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އަމާންކަމާއި އޮމާންކަމާއެކު ގައުމުގެ ކަންކަން ގެންދަވައި އިންސާފުވެރި، އަދުލުވެރި އިންތިޚާބެއް ބޭއްވެވުމަށް ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެން އެންމެންނަކީވެސް މުސްލިމް އަޚުންނާއި އުޚުތުންކަން ހަނދާންނައްތާލައިގެން ނުވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ ސަބަބުތަކަށްޓަކައި އާއިލާގެ ތެރޭގައި، އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ނުދެއްކޭ ހިސާބަށް ކަންތައްތައް ގޮސްގެން ނުވާނެ ކަމަށެވެ. އަދި އިސްލާމީ އުސޫލުގެ ތެރޭގައި ކަންކަން ކުރަމުން ގެންދާ ކަމަށްވާނަމަ، މާތް ﷲ އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ މުސްތަގުބަލާ ދޭތެރޭގައި ފިކުރުބޮޑުވާން ނުޖެހި، ސުލްހަވެރިކަމާއެކު ގައުމަށް ކުރިއަށް ދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. ވަހީދު މިރޭ ދެއްކެވި ވާހަކަފުޅުގައި، މުއްޔަކީ އާދަޔާ ޚިލާފު ރަށެއް ކަމަށާއި، މުއްޔަކީ ތައުލީމަށާއި ތަހުޒީބަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމުގައި ވިދާޅުވިއެވެ. އަދި ރަށް މިހާރުވަނީ ފުރިފައިކަން ފާހަގަކުރައްވަމުން، ރަށް ބޮޑުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ބައްލަވާލެއްވިއެވެ.
މުލި ބޮޑުކުރުމަށްޓަކައި ރަށް ހިއްކުމުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމާއި، އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރެވެމުންދާކަން ރައީސް ވިދާޅުވި އެވެ. އަދި އެކަމަށް ކުރިމަތިލި ދެފަރާތުންކުރެ ކޮންމެވެސް އެއްފަރާތަކާ މަސައްކަތް ހަވާލުކޮށް، މިއަހަރުގެ ތެރޭގައި އެމަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މުލީގެ އިރު އުތުރުގެ ސަރަހައްދުން ބަޔަކާ އެކީގައި އަދި އުތުރުން އޮންނަ ރަށާ އެކީގައި އެއީ ފަތުރުވެރިކަމުގެ މަސައްކަތްކުރާ ސަރަހައްދެއް ކަމަށް ކަނޑައެޅުއްވުމަށް ގަސްދުކުރައްވާކަންވެސް ރައީސް ހާމަކުރެއްވިއެވެ. އަދި މިދެމަސައްކަތް ކުރެވިއްޖެ ކަމަށްވާނަމަ، މާތްﷲ އިރާދަކުރެއްވިއްޔާ، ރަށަށް ވަރަށްބޮޑު ބަދަލަކާއި، ވަރަށްބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.