ސްޕުރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު ޑީއާރުޕީ އަދި އެމްޑީޕީ ބޭނުންވެގެން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ހަލާކުކޮށް ނުލާނޭ ކަމަށާއި ސުޕްރީމް ކޯޓަކީ މިނިވަން މުސްތަގިއްލު އަދި ވަކިފަރާތަކަށް ނުޖެހޭނެ ތަނެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ ރައީސް ރީކޯ މޫސާ ވިދާޅުވެއްޖެ އެވެ.


ރޭ އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން މޫސާ ވިދާޅުވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ވަރަށް ތައުލީމީ އަދި ވަރަށް ގާބިލު ބޭފުޅުން ކަމަށާއި އެ ބޭފުޅުން ދުސްތޫރީ ގޮތުން ނެރުއްވާ ހުކުމްތަކަށް އެއްވެސް ފަރާތަކަށް ފާޑުނުކިޔޭނެ ކަމަށެވެ. "އެވަރުގެ ކަމެއް ކުރާވަރުގެ ފަނޑިޔާރުންނެއް ނޫން އެ ތަނަށް ނަގާފަ [އެތިބީ އަކީ]. އަޅުގަނޑު ދެކުނިން އެ ބޭފުޅުން ކިޔަވާފައި ހުރި އެއްޗިއްސާއި އެ ބޭފުޅުންގެ ކެޕޭސިޓީ. އެހެންވީމާ ކޮންމެހެން އަޅުގަނޑުމެން ނުޖެހޭ ސުޕްރީމް ކޯޓާ ޖެހިގަންނާކަށް، ނޫނީ އެ މީހުން ވެސް ނޫޅޭ ޑީއާރުޕީއާ ވެސް ޖެހިގެން. އެހެންވީމާ ދުސްތޫރީ ގޮތުން އެމީހުން ނެރޭ އަމުރުތަކަށް އެއްވެސް ފަރާތަކަށް ގޮތެއް ނުކިޔޭނެ" މޫސާ މަނިކު ވިދާޅުވި އެވެ.


އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސާ ވިދާޅުވީ އިންތިގާލީ މަރުހަލާގައި އުއްތަމަ ފަނޑިޔާރު އައްޔަން ނުކުރުމަށް މަސައްކަތް ކުރީ ޑީއާރުޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ކޯލިޝަނުން ކަމަށެވެ.


"ޑީއާރުޕީއާ ގުޅިފައިވާ އިއްތިހާދުން ނޫންތޯ އުއްތަމަ ފަނޑިޔާރު އައްޔަން ނުކުރާން މަސައްކަތްކުރީ. އިންތިގާލީ މަރުހަލާ ނިމެންދަނިކޮށް އަޅުގަނޑުމެން ބުނީ އިންތިގާލީ މަރުހަލާ ނިމުމުގެ ކުރިން އުއްތަމަ ފަނޑިޔާރަކު އައްޔަނު ކުރާށޭ. އެކަމާ ދެކޮޅު ހެދީ ކޮންބައެއްތޯ؟" މޫސާ ސުވާލުކުރެއްވި އެވެ.


މޫސާ ވިދާޅުވީ އެއްދުވަހު ސުޕްރީމް ކޯޓުގެ ނިންމުމަށް ޑީއާރުޕީން ފާޑުކިއުމަށް ފަހު އަނެއް ދުވަހު އެ ޕާޓީން ސްޕްރީމް ކޯޓަށް ތާއީދު ކުރާކަމަށް ބުނާ ކަމަށެވެ. އަދި ޑީއާރުޕީން އެ ގޮތަށް އަމަލުކުރަނީ ސްޕްރީމް ކޯޓުން އެ ޕާޓީ ބޭނުންވާ ގޮތަށް ކަންތައްތައް ނުކުރާތީ ކަމަށް މޫސާ މަނިކު ވިދާޅުވި އެވެ.


އެމްޑީޕީން ބުނާ ގޮތުގައި ޑީއާރުޕީން ފާއިތުވި ހަފުތާގައި ބޭއްވި ދެ މުޒާހަރާ ވެސް ބާއްވާފައި ވަނީ ސްޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެންނެވެ.


ނަމަވެސް މިދިޔަ އަންގާރަ ދުވަހު ޑީއާރުޕީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ސްޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ޑީއާރުޕީން އިހުތިރާމް ކުރާކަމަށާއި ސްޕްރީމް ކޯޓުގައި އޮތް މައްސަލަ ވީހާ ވެސް އަވަހަކަށް އެ ކޯޓުން ނިންމައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.


"ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ކަންތައްތައް ވީހާވެސް ލަސްކުރެވޭތޯ. މިކަންތައް ދެން ނިމުނީމާ ދެން މަޖިލީހަށް ވައްދަފާނެ ވަޒީރުންނަށް ރުހުން ދޭނީ ގަނޑުކޮށްތޯ ނުވަތަ ނޫންތޯ؟ ދެން ވައްދަފާނެ ވަޒީރުންނަށް ރުހުން ނުލިބެއްޖެ ނަމަ ދެން ހަދާނީ ކިހިނެއްތޯ؟" މަހުލޫފް ވިދާޅުވި އެވެ.


ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމުގައި  މިހާރު އަމަލު ކުރަމުން އަންނަ، އެ މަޖިލިހުގެ ގަވާއިދު 171 ވަނަ މާއްދާގެ (ވ) އާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނިމެންދެން  ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ މައްސަލަ އަށް އެއްވެސް އަސަރު ކުރާނެ ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.


ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަސައްކަތްތަކަށް ހުރަސް އަޅާ ކަމަށް ބުނެ  ރައީސް ނަޝީދުގެ ކެބިނެޓުގެ ހުރިހާ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާ ދެއްވީ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ. ކުދި ބަދަލުތަކަކާ އެކު ރައީސް ނަޝީދުގެ އައު ކެބިނެޓު އެކުލަވާލީ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ. ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރެއްވި ބޭފުޅުންގެ ނަންފުޅުތައް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް  ފޮނުއްވީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެތައް ދުވަހެއްގެ މަތީން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުން މަޖިލީހުގައި އެޖެންޑާ ކުރި ކަމުގައި ވިއަސް މިއަދާ ހަމައަށް ވެސް ރައްޔިތުން މަޖިލީހުގައި ވަނީ އެ މައްސަލަ  ކުރިއަށް ގެންދެވޭ ގޮތް ނުވެފައި އެވެ.