25 Apr 2013, 23:23
ގާނޫނު އަސާސީ ތަންފީޒުކުރާ ނަމަ ރިޔާސީ ނިޒާމެއްގައި އިއްތިހާދްގެ ވާހަކަ ނުދެއްކޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރުމަށް ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ސިޔާސީ ޕާޓިތައް އިއްތިހާދުވުމަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދެއްގެ ވެރިކަމެއްގައި ނަމަ އެ ވެރިކަމުގެ ތެރޭގައި ބައިބައިވުން އުފެދޭނެ ކަމަށެވެ.
"ގާނޫނު އަސާސީ އޭގެ ރޫހާ އެއްގޮތަށް ތަންފީޒު ކުރަނީ ނަމަ ރިޔާސީ ނިޒާމެއްގައި އިއްތިހާދުގެ ވާހަކައެއް ނުދެއްކޭނެ. ދައްކަނީ ނަމަ އެއީ ޣައިރުގާނޫނީ ވާހަކައެއް. އެއީ މިގާނޫނު އަސާސީގެ ރޫހު ތަންފީޒު ކުރުމަށްޓަކައި،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުނަށް ހިދުމަތް ކުރުމަށް ޓަކައި ވަޒީރުންގެ މަޖިލިސް ބަހައި ނުލެވޭނެ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލިސް އިއްތިހާދެއްގެ ތެރެއިން އުފެދިއްޖެ ނަމަ ހަމަނުޖެހުން އުފެދޭނެ ކަމަށް ވިދާޅުވާ އެ މޭރުމުން ރައީސް ނަޝީދު ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި އެމްޑިޕީގެ އިއްތިހަދަކީ ރައްޔިތުންގެ އިއްތިހާދު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅުގައި މި އަހަރުގެ ރިޔާސީ އިންތިހާބް އެމްޑީޕީ އިން އެއްބުރުން ކާމިޔާބު ކުރާނެ ކަމަށާއި އެމްޑީޕީ މަސައްކަތް ކުރަނީ ގައުމު ތަރައްގީ ކުރަން ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީ ފިޔަވައި އިތުރު ޕާޓިތަކުން މަސައްކަތް ކުރަނީ "މަށަށް މަށަށް" ކިޔަމުން އަމިއްލެ ފައިދާ އަށް ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ.
ރިޔާސީ ނިޒާމެއްގައި އިއްތިހާދު ހެދުމަކީ އޮންނަ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު މިރޭ ވިދާޅުވެފައިވާ އިރު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދެ ވަނަ ބުރުން އެމްޑީޕީ އިން ކާމިޔާބުކޮށް ރައީސް ނަޝީދު ރައީސް ކަމުގެ ހުވާ ކުރެއްވީ، މިހާރު އޮތް ގާނޫނު އަސާސީގެ ދަށުން އިއްތިހާދެއްގެ ތެރެއިންނެވެ.