ވިކިލީކްސް އަށް ދެމުން އައި ހިދުމަތްތައް ވިސާ އައިސްލެންޑުން މެދުކަނޑާލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވުމުން، އެ ހިދުމަތް މެދުކަނޑާލާފައި އޮންނަ ކޮންމެ މަހަކު ވިސާ އައިސްލެންޑުން 204،900 އެމެރިކާ ޑޮލަރު ވިކިލީކްސް އަށް ބަދަލުގެ ގޮތުގައި ދެއްކުމަށް އައިސްލެންޑުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

އައިސްލެންޑުގެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުމުން، އެ ކޯޓުން ވެސް ވަނީ މި މައްސަލާގައި އައިސްލެންޑުގެ ދަށު ކޯޓުން ކޮށްފައިވާ ހުކުމްތަކަށް ތާއީދުކޮށްފަ އެވެ.

ވިކިލީކްސްގެ ވެބްސައިޓްގައިވާ ފައިސާގެ އެހީދޭ ފަންގުޝަން ނުވަތަ "ޑޭޓާސެލް" އަށް ދެމުން އައި ފައިސާ ހަދިޔާކުރުމާއި އެކައުންޓަށް ޖަމާކުރުމުގެ ހިދުމަތް ވިސާ އައިސްލެންޑުން މެދުކަނޑާލާފައި ވަނީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ.

ވިކިލީކްސް އިން ބުނެފައި ވަނީ ވިސާ އައިސްލެންޑުން ހިދުމަތް މެދުކަނޑާލީ 2010ގައި އައިސްލެންޑުގެ ބޭންކިންގް ނިޒާމުގެ ތެރޭގައިވާ ކޮރަޕްޝަންގެ މައްސަލަތަކެއް ވިކިލީކްސް އިން ފެންމަތިކުރުމުން ކަމަށެވެ.

މިމައްސަލާގައި އައިސްލެންޑުގެ އެންމެ މަތީ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ވިސާ އައިސްލެންޑުން ވިކިލީކްސްގެ ކޮންޓްރެކްޓް މެދުކަނޑާލާފައި ވަނީ އެއްވެސް ގާނޫނީ ސަބަބެއް ނެތި ކަމަށް ކަމަށެވެ.

އެހެން ކަމުން، ހިދުމަތް މެދުކަނޑާލާފައި ބާއްވާ ނަމަ، ކޮންމެ މަހަކު ބަދަލުގެ ގޮތުގައި ވިސާ އައިސްލެންޑުން ވިކިލީކްސް އަށް 204،900 އެމެރިކާ ޑޮލަރު ދެއްކުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަހަރެއްގެ މައްޗަށް ބަހާލައިފި ނަމަ، ވިސާ އައިސްލެންޑުގެ ހިދުމަށް ވިކިލީކްސް އަށް ފޯރުނުކޮށްދޭ ނަމަ އަހަރަކު ގާތްގަނޑަކަށް 2.5 މިލިއަން އެމެރިކާ ޑޮލަރު ވިސާ އިން ވިކިލީކްސް އަށް ދައްކަން ޖެހޭނެ އެވެ.

އައިސްލެންޑުގެ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ވިކިލީކްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިކިލީކްސް އަށް އެމެރިކާގެ ކުންފުނިތަކުން ކުރިމަތިކުރަމުންދާ މިފަދަ ގާނޫނުތަކާ ހިލާފު އިގުތިސާދީ ފިއްތުންތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތައް ލިބުނު ކާމިޔާބެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ވިސާ އައިސްލެންޑުން އެއްޗެއް ބުނެފައެއް ނުވެ އެވެ.

ދެ ހާސް އެގާރަ ވަނަ އަހަރުގެ ތެރޭގައި ވިސާ އައިސްލެންޑުން ވަނީ އެ ކުންފުނީގެ ނަން ވެލިޓާ އަށް ބަދަލުކޮށްފަ އެވެ.