ޑީއާރުޕީގެ ތިން ޑެޕިއުޓީ ލީޑަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު މުހައްމަދު ރާމިޒް އާއި އިކޮނަމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ)ގެ ވޯޓު އެއްވަރުވުމަށް ފަހު އަދި އަންޑޭ ރާމިޒަށް ތާއީދު ކުރެއްވުމުން ރާމިޒު ހޮވިވަޑައިގެންނެވި ކަމަށް ކަނޑައަޅައިފި އެވެ.

ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަންވައިގެން، ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް ރާމިޒް ހޮވިވަޑައިގެންފައިވާ ކަމަށް އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީން މިއަދު ކަނޑައެޅީ ރާމިޒްއާ އެއްވަރަށް ވޯޓު ލިބިވަޑައިގެންނެވި އަންޑޭ ދެ ވަނަ ފަހަރަށް އިންތިހާބު ބޭއްވުމުގެކުރިން ނަން އަނބުރާ ގެންދެވުމާ ގުޅިގެންނެވެ.

އިންތިހާބުގެެ ދެ ވަނަ ބުރެއްގައި ރާމިޒް އާ ވާދަނުކުރައްވައި އޭނާ އަށް ތާއިދު ކުރެއްވުމަށް އަންޑޭ ނިންމެވީ މަޖިލިސް މެންބަރުންނަށް އިސްކަން ދެއްވުމުގެ ބޭނުންފުޅުގައި ކަމަށް ވިދާޅުވެފަ އެވެ.

ޑީއާރުޕީގެ ހަތަރު ވަނަ ގައުމީ ޖަލްސާގައި އެ ޕާޓީގެ ހުސްވެފައިވާ ޑެޕިއުޓީ ލީޑަރު ކަމުގެ ތިން މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވާފައިވާ އިރު ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހޮވިވަޑައިގެންފައިވާކަން އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ.