25 Apr 2013, 17:41
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފުފައިދާގެ ގޮތުގައި ލިބުނު އާމްދަނީ 527 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ބީއެމްއެލް އިން މިއަދު އާންމުކޮށްފައިވާ އެ ބޭންކްގެ މި އަހަރުގެ ފުރަތަމަ ކުއާޓާ (ޖެނުއަރީ، ފެބުރުއަރީ އަދި މާޗް)ގެ ތަފާސްހިސާބުތަކަށް ބަލާ އިރު ފުރަތަމަ ކުއާޓާގައި ބީއެމްއެލް އަށް ސާފުފައިދާގެ ގޮތުގައި 527 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ ސާފު ފައިދާގެ ރެކޯޑް މިންވަރެއް ކަމަށް އެ ބޭންކް އިން ބުނެ އެވެ. އަދި އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ފައިދާ އަށް ވުރެ 354 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެ ބޭންކްގެ ތަފާސްހިސާބުތަކަށް ބަލާ އިރު ފުރަތަމަ ކުއާޓާގައި ހިންގުމުގެ ފައިދާ ވަނީ 303.3 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އެހެންކަމުން އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާ އިރު 106 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އެ ބޭންކުގެ ޑިޕޮސިޓްކޮށްފައިވާ އަދަދު ކުރީ އަހަރުގެ ފަހު ކުއާޓާ އަށް ވުރެ މި އަހަރުގެ ފުރަތަމަ ކުއާޓާގައި 1.45 ބިލިއަން ރުފިޔާ އިތުރުވެ ޖުމުލަ ޑިޕޮސިޓް ވަނީ 9.25 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އަދި މިހާރު އެ ބޭންކުގެ ރައުސްމާލު ވަނީ 10.16 ބިލިއަން ރުފިޔާ އިން 12.23 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
ބީއެމްއެލް އިން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ފައިދާގެ މިންވަރު އެހާވަރަށް އަރާފައިވުމުން އެ ބޭންކުގެ މާލީ ހާލަތު ރަނގަޅުވެ ހިއްސާދާރުންގެ ފައިސާ 1.7 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. އަދި ބޭންކުގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ 12 ޕަސެންޓްގައި ހިފަހައްޓަން ޖެހޭ އިރު މިހާރު އެ ބޭންކުގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ 26 ޕަސެންޓްގައި ހިފެހިއްޓިފައިވުމަކީ ވަރަށް ރަނގަަޅު ހިފެއްހެއްޓުމެއް ކަމަށް އެ ބެންކު އިން ބުންނެވެ.