25 Apr 2013, 15:21
އެމެރިކާ އިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ސްޓޭޓަސް އޮފް ފޯސަސް އެގްރިމެންޓް (ސޯފާ) އަކީ ރާއްޖޭގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ގާއިމްކުރުމުގެ އެއްބަސްވުމެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓާޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އޮންލައިން ބުލޮގެއް ކަމަށްވާ "ދިވެހި ސިޓީ"ގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމްކުރުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ ކަމަށް ބުނެ ލީކުކޮށްލާފައިވާ އެގްރިމެންޓުގެ ކޮޕީއާ ގުޅިގެން ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ ސޯފާ އެގްރިމެންޓަކީ އެމެރިކާއިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ އެގްރިމެންޓެއް ކަމަށާއި ދިވެހި ސަރުކާރުން އެކަމާ މެދު ގޮތެއް އަދި ނިންމާފައި ނުވާ ކަމަށެވެ.
"ސޯފާއަކީ އެމެރިކާ ސިފައިންގެ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ގައުމުތަކާ އެކު ހަދާ އެއްބަސްވުމެއް. އެއީ ބޭސްއެއް ހެދުމަށް ބެހޭ ކަމެއް ނޫން. ބޭސް އެއް ހެދުމަށް ހުށަހަޅާފައެއް ވެސް ނުވޭ. ސޯފާ އެގްރިމެންޓް ހުށަހެޅުމުން މިހާތަނަށް ސަރުކާރުން ގޮތެއް ނިންމާފައެއް ނުވާނެ،" ނާޒިމް ވިދާޅުވި އެވެ.
ސޯފާ އެގްރިމެންޓުގެ ކޮޕީއެއް ދިވެހި ސިޓީގެ ވެބްސައިޓްގައި ހިމަނާފައިވާ އިރު، މިއެއްބަސްވުމުގައި ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި ބޯޓުތައް ބޭނުން ގޮތަކަށް އޮޕަރޭޓްކުރުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.
ރާއްޖޭގެ ނޫސް ވެބްސައިޓެއް ކަމަށްވާ މިނިވަން ނިއުސްއަށް ދިން އިންޓަވިއުއެއްގައި އެމެރިކާގެ އެމްބަސީ އިން ވެސް ވަނީ ނާޒިމްގެ ވާހަކަތައް ތަކުރާރުކޮށްފަ އެވެ.
އެމެރިކާ އެމްބަސީގެ ތަރުޖަމާނަކާ ހަވާލާދީ މިނިވަން ނިއުސް އިން ބުނީ އެމެރިކާ އިން ސޯފާ އެގްރިމެންޓާ މެދު ރާއްޖެއާ އެކު މަޝްވަރާކުރަމުންދާ ނަމަވެސް، ރާއްޖޭގައި އެމެރިކާގެ އަސްކަރީ އެއްވެސް ބާރެއް ދާއިމީ ގޮތެއްގައި ސްޓޭޝަންކުރުމަށް އެމެރިކާ އިން ޝައުގުވެރިނުވާ ކަމަށެވެ.
ރާއްޖޭގެ ދެކުނުން އެންމެ 740 ކިލޯ މީޓަރު ދުރުގައިވާ ފޯޅަވަހި ނުވަތަ ޑިއެގޯ ގާސިއާގެ ރަށްތަކުގައި އެމެރިކާ އިން ވަނީ އެ މީހުންގެ އަސްކަރީ ބޮޑު މަރުކަޒެއް ގާއިމުކޮށްފަ އެވެ. އެ މަރުކަޒަކީ އެމެރިކާގެ އަސްކަރިއްޔާގެ ނޭވީ ސަޕޯޓް ފެސިލިޓީއަކާއި ނެވަލް ޝިޕް އަދި ސަބްމެރީން ސަޕޯޓް ބޭސްއަކާއި އަސްކަރީ ވައިގެ ބަނދަރަކާއި ކޮމިއުނިކޭޝަންސް އެންޑް ސްޕޭސް ޓްރެކިންގް ފެސިލިޓީއަކާއި މިލިޓަރީ ސީލިފްޓް ކޮމާންޑުގެ ފެސިލިޓީތައް ގާއިމުކޮށް އިންޑިއާ ކަނޑުގައި ހިމެނޭ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒުގެ ގޮތުގައި އޮޕަރޭޓްކުރަމުން އަންނަ މަރުކަޒެވެ.
އެމެރިކާ އިން އަސްކަރީ މަރުކަޒެއް ގާއިމްކުރާ ގައުމުތަކާއެކު ވެސް ސޯފާ އެއްބަސްވުންތަކުގައި ސޮއިކުރާ އިރު، އެމެރިކާގެ އަސްކަރިއްޔާ އިން އާއްމުކޮށް ދަތުރުކޮށް ހަދާ ގައުމުތަކާ އެކު ވެސް އެމެރިކާ އިން ސޯފާ އެގްރިމެންޓްތަކުގައި ސޮއިކޮށްފައިވެ އެވެ. މިއެއްބަސްވުމަކީ ރާއްޖޭގައި އުޅޭއިރު އެމެރިކާގެ އަސްކަރިއްޔާއަށާއި އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ލިބޭ ހައްގުތަކާއި އިހުތިޔާރުތައް ބަޔާންކުރާ އެއްބަސްވުމެކެވެ.