މި އަހަރު ރާއްޖެ އިން ހައްޖަށް ދާން ބޭނުއްވާ މީހުންނަށް އެކަމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމަށް ހުށައެޅި ހަތަރު ފަރާތަކަށް އިވެލުއޭޝަންގެ ފުރުސަތު ނުލިބުމުން އެ ފަރާތްތަކުން އެ މައްސަލަ ކޯޓަށް ހުށައަޅައިގެން ކުރިއަށްގެން ދާތީ މަސައްކަތްތައް ހަލުއިކޮށް ކުރިއަށް ގެންދިއުމަށް ކޮންމެވެސް ވަރެއްގެ މެދުކެނޑުމަކާ ކުރިމަތިލާން ޖެހިފައި ވިއަސް، ރާއްޖެ އިން ހައްޖަށް ދާން ބޭނުއްވާ މީހުންނަށް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން ބޭނުން ވަނީ މި އަހަރު ރާއްޖެ އިން ހައްޖަށް ދާން ބޭނުއްވާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ﷲ އިރާދަކުރެވިއްޖިއްޔާ ދިމާނުވާނެކަމުގެ. ހަމަ އެހެން އަހަރުތަކެކޭ އެއްފަދައިން ހައްޖަށް ދެވޭނެ،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީ އިން ހުއްދަދީފައިވާ އަށް ފަރާތަށް އެ ހުއްދަދީފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ ލަފާގެމަތިން ކަމަށެވެ. އަދި އެކަންކޮށްފައި ވަނީ ގާނޫނާއި ގަވައިދުގެ މަތިން ކަމަށާއި އެހެންކަމުން އެ މައްސަލަ ނިމޭނީ އިސްލާމިކް މިނިސްޓްރީއާ އެއްކޮޅަށް ކަމުގެ ބޮޑު ޔަގީންކަމެއް އޮތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދަށު ކޯޓުން އަމުރު ނެރުއްވާފައި މިއޮތީ މިތަނަށް އޭސީސީ ނާއި އޭޖީއިންނާއި އަޅުގަނޑުމެނަށް ދީފައިވާ ލަފަޔަށް ރިއާޔަތްކޮށްގެން ކަމަކަށް އަޅުގަނޑުމެންނަކަށް ނުބެލެވޭ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ހައްޖަށް މީހުން ގެންދިއުމަށް އެދި ހަތަރު ކުންފުންޏަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ފަހު ކަނޑައެޅިފައިވާ އުސޫލުން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ދައުލަތުން މިހާރު ވަނީ ހައިކޯޓުގައި އެދިފަ އެވެ.