25 Apr 2013, 12:48
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަތީތައުލީމު ހާސިލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މެލޭޝިޔާއަށާއި ލަންކާ އަށް ފޮނުވި ޓީޗަރުންނަށް ދޫކުރި ލޯންގެ ކޮންޕައުންޑް އިންޓްރެސްޓް އެ މިނިސްޓްރީން މައާފުކޮށްދީފި އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު އަލީ ވިދާޅުވީ 2010 ވަނަ އަހަރު ޓީޗިން ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރުމަށް ލަންކާ އަށް ފޮނުވި 20 ކުދިންނާއި އަދި މެލޭޝިޔާ އަށް ފޮނުވި 29 ކުދިންނަށް ދޫކުރި ލޯންގެ ކޮންޕައުންޑް އިންޓްރެސްޓް މައާފު ކޮށްދީފައިވާ ކަމަށެވެ. އަދި ކޮންޕައުންޑް އިންޓްރެސްޓްގެ ބަދަލުގައި ނަގާނީ ކޮމިޝަނެއް ކަމަށް އާމިނަތު އަލީ ވިދާޅުވި އެވެ.
"މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން 2010 ވަނަ އަހަރު ރާއްޖެއިން ބޭރަށް ޓީޗިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް ނުވަތަ ޓީޗިންގެ ދާއިރާއިން ތަމްރީން ހޯދުމަށް ފޮނުވި 49 ކުދިންނަށް ދޫކުރި ލޯންގެ ކޮންޕައުންޑް އިންޓްރެސްޓް އަޅުގަނޑުމެން މިހާރު މާފް ކޮށްދީފިން. އޭގެ ބަދަލުގައި އަޅުގަނޑުމެން ނަގާނީ ސިންޕަލް އިންޓްރެސްޓް އެއް. ނުވަތަ ނަގާނީ ފަސް ޕަސެންޓުގެ ކޮމިޝަނެއް. އެއީ އަޅުގަނޑުމެން އެހެން ލޯން ތަކުގައި ވެސް ގެންގުޅޭ އުސޫލު،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޯންގެ ކޮންޕައުންޑް އިންޓްރެސްޓް މާފް ކޮށްދޭން އެ މިނިސްޓްރީ ނިންމީ އެކަމަށް އެދި ގިނަ އަދަދެއްގެ ޓީޗަރުން އެދެމުން ދާތީ ލޯން ދެއްކުމަށް އިތުރު ލުޔެއް ދިނުމަށް ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ ދޫކޮށްފައިވާ ލޯންގައި ސިންޕަލް އިންޓްރެސްޓްގެ ބަދަލުގައި ކަޮންޕައުންޑް އިންޓްރެސްޓް ދައްކަން ޖެހޭ ނަމަ، ދައްކަންޖެހޭ މުއްދަތުގައި އެ ފައިސާ ނުދައްކައިފިނަމަ ކޮންޕައުންޑް އިންޓްރެސްޓް އަރަމުން ދާނެ ކަމަށެވެ. އެހެން ކަމުން ލޯން އަދާ ކުރުމަށް ވަރަށް ބޮޑު އަދަދެއް ދައްކަން ޖެހޭނެ ކަމަށް އާމިނަތު އަލީ ވިދާޅުވި އެވެ.
"ކޮންޕައުންޑް އިންޓްރެސްޓް ކަމަށް ވެއްޖިއްޔާ އެ ދައްކަން އޮންނަ އެމައުންޓްގެ މުޅި ކޮންޕައުންޑް އިންޓްރެސްޓް އަރަމުން ދާނެ. ސިންޕަލް އިންޓްރެސްޓް ވެޖިއްޔާ ނުވަތަ ކޮމިޝަން އަކަށް ވާނަމަ އޮންނާނީ ފިކްސްޑް ފިގާ އެއް. އެހެން ވީމަ ނަގާ ލޯނެއްގެ ކޮންޕައުންޑް އިންޓްރެސްޓް ދައްކަން ޖެހުމަކީ އެ ލޯން ދެއްކުމަށް ވަރަށް ބޮޑެތި ދަތި ތަކެއް ދިމާވާނެ ކަމެއް. އެހެންވީމާ އަޅުގަނޑުމެން ސިންޕަލް އިންޓްރެސްޓް އަށް ބަދަލު ކުރީ ލޯން ދެއްކުމުގައި ލުއި ގޮތް ތަކެއް ހޯދައި ދިނުމަށް،" އާމިނަތު އަލީ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ޓީޗިންގެ ދާއިރާއިން ތަމްރީން ހޯދުމަށް ފޮނުވި 49 ޓީޗަރުން މިހާރު ކޯސް ފުރިހަމަ ކުރުމަށް ފަހު ރާއްޖެ އައިސްފައިވާ ކަމަށް ވެސް އާމިނަތު އަލީ ވިދާޅުވި އެވެ.
އޭގެ ތެރެއިން މެލޭޝިޔާ އަށް ފޮނުވި 29 ޓީޗަރުންގެ ތެރެއިން ކޮންމެ ޓީޗަރަކަށް ލޯންގެ ގޮތުގައި 171،000ރ. ލޯންގެ ގޮތުގައި ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ލަންކާ އަށް ފޮނުވި 20 ޓީޗަރުންގެ ތެރެއިން ކޮންމެ ޓީޗަރަކަށް 306،356ރ. ލޯންގެ ގޮތުގައި ދީފައިވާ ކަމަށާއި އެ ލޯން ދޫކޮށްފައި ވަނީ 10 އަހަރު ތެރޭގައި ދައްކައި ހަލާސް ކުރާ ގޮތަށް ކަމަށް ވެސް އާމިނަތު އަލީ ވިދާޅުވި އެވެ.