ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސްގައި އެ ޕާޓީގެ މަންދޫބުން ވޯޓު ދެއްވައިގެން ނައިބު ރައީސްއަކަށް އިންތިހާބުވެވަޑައިގެންނެވި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އެ މަގާމުން އިސްތިއުފާ ދެއްވުމުން އެ ގަމާމަށް ވަގުތީ ގޮތުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ހޮވިވަޑައިގެންފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު އަބްދުއްރަހީމަށް ލިބިވަޑައިގެންނެވީ ވަގުތީ ނައިބު ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އޭނާ ފިޔަވައި އެހެން ބޭފުޅަކު އެ މަގާމަށް ވާދަ ނުކުރެއްވުމުންނެވެ. ކައުންސިލްގެ ވޯޓަކާ ނުލައި އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އޭނާ އެ މަގާމަށް ހޮވިވަޑައިގެންފައިވާކަން ޕީޕީއެމްއިން ވަނީ އިއުލާންކޮށްފަ އެވެ. ވަގުތީ ނައިބު ރައީސްގެ މަގާމުގައި އަބްދުއްރަހީމް ދެމިހުންނަވާނީ ދެން ބާއްވާ އެ ޕާޓީގެ ކޮންގްރެސްއާ ހިސާބަށެވެ.

އަބްދުއްރަހީމަކީ އެ ޕީޕީއެމްގެ އިންތިގާލީ މަރުހަލާގައި ވެސް ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ދެ ނައިބު ރައީސުން ތިއްބަވާ ޕީޕީއެމްގައި އަބްދުއްރަހީމްގެ އިތުރުން ނައިބު ރައީސަކަށް ހުންނަވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.

މިއަހަރުގެ ޖެނުއަރީ މަހު ޕީޕީއެމްގެ ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ނައިބު ރައީސް ކަމަށް ކުރިމަތިލައްވައި އަދީބާއި އިލްހާމްއާ ވާދަކޮށް އަބްދުއްރަހީމް ނާކާމިޔާބުވެވަޑައިގެންނެވީ މަދު ވޯޓެއްގެ ތަފާތުންނެވެ. އަބްދުއްރަހީމްގެ މައްޗަށް އިލްހާމް ކުރި ހޯދާފައިވަނީ އެންމެ 33 ވޯޓުގެ ތަފާތުންނެވެ. އިލްހާމަށް 301 ވޯޓު ލިބިވަޑައިގެންނެވިއިރު، އަބްދުއްރަހީމަށް ލިބިވައިގެންނެވީ 268 ވޯޓެވެ.