އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އުމުރުން ހަ އަހަރުގެ އަންހެންކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި މީހަކު 18 އަހަރަށް ޖަލަށް ލާން ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ އެރަށު ހިތަށްފިނިވާގޭ މޫސާ އަލީ، 49، ގެ މައްޗަށެވެ.

ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މޫސާ އަލީ 18 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ އިއްޔެ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި މިދިޔަ އަހަރުން ފެށިގެން ތަފާތު އެކި ދުވަސްމަތިން ހަ އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގާފައިވާކަން ޝަރީއަތަށް ސާބިތުވާ ގުޅިގެން ކަމަށް ވެސް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

މޫސާ އަލީގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ނެވެ.