ބައިނަލްއަގުވާމީ ރަހުމަތްތެރި ކަމުގެ ފުޓްބޯޅަ މެޗުގައި ރޭ ބްރެޒިލްއާ ދެކޮޅަށް ޗިލީ ކުޅުނު މެޗް 2-2 އިން އެއްވަރުވެއްޖެ އެވެ.

ބްރެޒިލްގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުކުރި "ގަވަނޭޑޯ" ސްޓޭޑިއަމެއްގައި ރޭ ކުޅުނު އެމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ޗިލީ އިންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި އެލަނޑު ޗިލީއަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު މާކޯސް ގޮންޒާލެސް އެވެ.

ރޭގެ މެޗުގެ ކުރީ ކޮޅު ޗިލީއިން ލީޑް ނަގާފައި ވަނިކޮށް ބްރެޒިލްއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ރެވާ އެވެ.

އެއް ލަނޑު، އެއްލަނޑުން ދެޓީމް އެއްވަރުވެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެ ވަނަ ހާފުގެ ކުރީ ކޮޅު ބްރެޒިލްއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑް ނަގައިފައެވެ. އެލަނޑު ބްރެޒިލްއަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް ނޭމާއެވެ. އެހެން ނަމަވެސް ބްރެޒިލްއިން ލީޑް ނެގިތާ ގިނައިރު ތަކެއް ނުވަނީސް ޗިލީގެ ފޯވާޑް އެޑުއާޑޯ ވަރަގަސް ވަނީ ލަނޑެއް ޖަހާ މެޗުގެ ހަމަހަމަ ކޮށްފައެވެ.

ރޮނާލްޑީނިއޯގެ ކެޕްޓަންކަމުގެ ދަށުން ބްރެޒިލް ރޭ ކުޅުނު އެމެޗަށް ރޭ އެއް ވަރުވުމުން މެޗް ބެލުމަށް ދަނޑަށް ވަދެ ތިބި ބްރެޒިލްގެ ގިނަ ސަޕޯޓަރުން ދިޔައީ ޓީމަށް މަލާމާތުގެ ބަސްތައް ރައްދުކުރަމުން ނެވެ.

ރޭ ޗިލީ އަތުން ބްރެޒިލް އެއްވަރުވިއިރު ފީފާ ރޭންކިންގައި ބްރެޒިލް އޮތީ 19 ވަނަ މަގާމްގައެވެ. އަދި ފީފާ ރޭންކިންގައި ޗިލީ އޮތީ 23 ވަނަ މަގާމް ގައެވެ.