25 Apr 2013, 10:34
އެޕަލްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެ ކުންފުނީގެ ބޮޑު ކޮންފަރަންސް ކަމަށްވާ "އެޕަލް ވޯލްޑްވައިޑް ޑެވެލޮޕާސް ކޮންފަރަންސް" މިއަންނަ ޖޫން މަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފި އެވެ.
މިކޮންފަރަންސަކީ އާއްމުކޮށް އެޕަލްގެ ތަރައްގީކުރަމުން އަންނަ އެންމެ ފަހުގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ ކޮންފަރަންސެކެވެ.
މިދިޔަ އަހަރުގެ ޑެވެލޮޕާސް ކޮންފަރަންސްގައި އެޕަލްއިން ވަނީ ރެޓީނާ ޑިސްޕްލޭއާ އެކު އެޕަލްއިން ނެރުނު މެކްބުކު ޕްރޯ އާއްމުކޮށް ދައްކާލާފަ އެވެ. މި އަހަރުގެ ކޮންފަރަންސްގައި ވެސް އެޕަލްއިން އާކަންތައްތަކެއް އިއުލާންކުރާނެ ކަމަށް ބެލެވޭ އިރު، އެޕަލް އައިފޯން އަދި އައިޕެޑްގެ އޮޕަރޭޓިންގް ސިސްޓަމްގެ އެންމެ ފަހުގެ ވާޝަން ކަމަށްވާ "އައިއޯއެސް 7" އަދި މެކް ކޮމްޕިއުޓަރަށް ފަރުމާކޮށްފައިވާ އެންމެ ފަހުގެ އޮޕަރޭޓިންގް ސިސްޓަމް "މެކް އޯއެސް އެކްސް 10.9" ވެސް މި އަހަރުގެ ކޮންފަރަންސްގައި ދައްކާލާނެ ކަމަށް ބެލެވެ އެވެ.
އެޕަލްއިން 2010 ވަނަ އަހަރު އައިފޯން 4 އިއުލާންކޮށްފައި ވަނީ ވެސް އެ އަހަރު ބޭއްވުނު ޑެވެލޮޕާސް ކޮންފަރަންސްގަ އެވެ.
އެމެރިކާގެ ސެން ފުރެންސިސްކޯގެ މޮސްކޯން ވެސްޓް ކޮންފަރަންސް ސެންޓާގައި މިކޮންފަރަންސް ކުރިއަށް ދާނީ ޖޫން މަހުގެ 10 އިން 14ގެ ނިޔަލަށެވެ. ކޮންފަރަންސްގެ ޓިކެޓް ވަރަށް އަވަހަށް ވިއްކާނެ ކަމަށް އެޕަލްއިން ވަނީ ބުނެފަ އެވެ. ޓިކެޓެއްގެ އަގު 1،599 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ އިރު، ޓިކެޓްތައް ވިއްކަން ނެރޭތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުސްވެގެންދާނެ ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރުގެ އެޕަލް ވޯލްޑްވައިޑް ޑެވެލޮޕާސް ކޮންފަރަންސްގެ ޓިކެޓުތައް ވިއްކަން ފެށިތާ ދެ ގަޑިއިރުގެ ތެރޭގައި ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފަ އެވެ.