އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ޝަކުވާތައް ހުށަހެޅުމަށް މަދަނީ ޖަމިއްޔާތަކުން ބެހެއްޓި ޝަކުވާގެ މޭޒަށް 16 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް މަދަނީ ޖަމިއްޔާތަކުގެ އިއްތިހާދުން ބުނެފި އެވެ.


އެ އިއްތިހާދުން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ މި މަހު 12 ވަނަ ދުވަހު ބެހެއްޓި ފޮއްޓަށް ބެލެނިވެރިން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ކިޔަވައިދޭ ޢިމާރާތުތެރޭގައި އެޑިއުކޭޝަންގެ ޤަވާޢިދާ ޚިލާފަށް، މަންދު ލާނިން ސެންޓަރުގެ އިސް ފަރާތްތަކުން ދުންފަތުގެ އިސްތިޢުމާލްކުރުމުގެ ސަބަބުން މަންދު ލާނިން ސެންޓަރާއި ޢަރަބިއްޔާގެ ތުއްތު ކުދިންނަށް ނޭދެވޭ އަސަރުތައް ކުރަމުންދިއުމާއި މޫނު ބުރުގާ އަޅާ ބެލެނިވެރިން ޢިމާރާތަށް ނުވަނުމަށް މަންދުލާނިން ސެންޓަރުގެ ވެރިފަރާތް، އިބްރާހިމް އިސްމާޢީލް އަންގާފައިވާ ކަމަށެވެ.


އޭގެ އިތުރަށް އިސްލާމީ ފޭރާމެއްލާ ބެލެނިވެރިން ތަފާތުކުރުމާ އެކު އެކިއެކި ދުއްތުރާކުރުމާއި ކްލާސްތަކުގައި ކުދިން ގިނަވުމުން ޓީޗަރުންނަށް ކްލާސް ނުބެލެހެއްޓުމާއި ލެބޯޓަރީއެއް ނެތް މައްސަލަ ފާހަގަކޮށްފައިވެ އެވެ.


ދެޖިންސް އެއްކޮށްލުމުން އަޚްލާޤީ މައްސަލަތައް މިހާރު ދަރިންވަރުންނަށް ދިމާވަން ފަށާފައިވާ ކަމާއި އިސްލާމީ ސްކޫލެއްގައި ތަނުގެ މުޤައްރަރާއި ޚިލާފަށް މިއުޒިކް މަޖްބޫރުކޮށްފައިވުމާއި ގްރޭޑް 1 ގެ ޖާގަ އެކަށީގެންވާ ވަރަށް ނެތް މައްސަލައިގެ އިތުރަށް ޢަރަބިއްޔާގެ އައު އިމާރާތް ނުނިމި ލަސްވުމުގެ މައްސަލަ ވެސް ފާހަގަކޮށްފައިވެ އެވެ.


މަދަނީ ޖަމިއްޔާތަކުގެ އިއްތިހާދުން ބުނީ އެ ފަރާތަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި އަށް ސްކޫލެއްގެ ބެލެނިވެރިންގެ ޝަކުވާ އެޑިޔުކޭޝަނާ ބެހޭ ގޮތުން ހުށަހަޅާފައިވާ ކަމަށެވެ.


މަދަނީ އިއްތިހާދުން ބުނީ ބެލެނިވެރިން ހުށަހަޅާފައިވާ އެ ޝަކުވާތައް ރަސްމީ ސިފައެއްގައި އަދި ކަމާ ބެހޭ އެއްވެސް ފަރާތަކަށް ހުށަހަޅާފައިނުވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ ޝަކުވާތައް ބެލުމަށް ފަހު އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.


މަދަނީ އިއްތިހާދުން ނެރެފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ބެލެނިވެރިންގެ އ ެޝަކުވާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިހާރުން މިހާރަށް އެތަފާތުތައް ނައްތާލައި ދިވެހި އިސްލާމުންގެ ދަރިންގެ މުސްތަޤްބަލް ސަލާމަތް ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް ނިކުތުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް އެ ޖަމިއްޔާ އިން ގޮވައިލާ ކަމަށެވެ.


މަދަނީ އިއްތިހާދުގެ "ޝަކުވާ ފޮއްޓަށް" ބެލެނިވެރިން ހުށަހަޅާފައިވާ ޝަކުވާތަކާ ބެހޭ ގޮތުން މަންދު ލާނިން ސެންޓަރުގެ ވެރިފަރާތް އިބްރާހީމް އިސްމާއީލް ކޮމެންޓް ކުރެރެއްވުމަށް އިއުތިރާޒު ކުރެއްވި އެވެ.